ބައެއް ޓީވީ ޗެނަލްތަކުން ކެމްޕެއިންކުރުން މަނާ ގަޑިތަކުގައި ކެމްޕެއިންކުރެވޭ ފަދަ ޒާތުގެ ކަންކަން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަނުން މިރޭ ބުނެފިއެވެ.

ފުލުހުންނާ ގުޅިގެން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ބައެއް ޓީވީ ޗެނަލްތަކުން ކެމްޕެއިންކުރެވޭ ޒާތުގެ ކަންކަން ކުރަމުންދާ ކަމުގެ މައުލޫމާތު، އިންތިހާބުގެ ކަންކަމަށް ލަފާދޭ ކޮމިޓީގައި ހުންނަވާ ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު އިލެކްޝަންސް ކޮމިޝަނަށް މައުލޫމާތު ދެއްވާފައިވާ ކަމަށެވެ.

"[އެގޮތުން] ވަކި ކުލައެއްގެ ހެދުމެއް ނުވަތަ ވަކި ކުލައެއްގެ ބެކްގްރައުންޑެއް އަންނަ ގޮތަށް ކެމްޕެއިން ކުރެވޭ ޒާތަށް ކަންކަން ކުރެވެމުން ދާކަން،" ހަބީބު ވިދާޅުވިއެވެ.

ހަމަ އެއާއެކު، ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ބައެއް ކެންޑިޑޭޓުންގެ ފަރާތުން މެސެޖު ލިބެމުންދާ ކަމުގެ ޝަކުވާ ވެސް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ކަމަށާއި، މިފަދަ ކަންކަމަކީ ގާނޫނުގައި މަނާ ކަންކަން ކަމަށް ހަބީބު ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ލަފާ ދޭ ކޮމިޓީ އާ އެކު ކުރެވުނު މަޝްވަރާގެ މަތިން ސިޔާސީ ޕާޓީތަކުގެ އިދާރީ މަސައްކަތްތައް ކުރުމަށްޓަކައި ޖަގަހަތަކުގެ ތެރޭގައި މަސައްކަތްތައް ކުރެވޭނެ ކަމަށާއި، އެ ވަގުތުތަކުގައި ވެސް ޖަގަހަތައް ހުންނަން ވާނީ ބަންދުކުރެވިފައި ކަމަށް ހަބީބު ވިދާޅުވިއެވެ. މިގޮތަށް ނިންމީ ލަފާ ދޭ ކޮމިޓީގައި ތިބި ޕާޓީތަކާ އެކުގައި މަޝްވަރާކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވޯޓުލުމުގެ ހައްގު އަދާކުރުމުގައި އަމިއްލަ އިހްތިޔާރުގައި ވޯޓުލުމުގެ ފުރުސަތު ފަހިވެފައި އޮތުން މުހިންމު ކަމަށާއި، އެއްވެސް ފަރާތަކުން އެހެން މީހުން ލާ ވޯޓަށް ނުފޫޒު ފޯރުވުމަކީ ކުށެއް ކަމަށް ހަބީބު ވިދާޅުވިއެވެ.

"މިސާލަކަށް އަނބިމީހާ ފިރިމީހާ އަށް ކަމަށް ވިޔަސް އަނބިމީހާ ފިރިމީހާ އަށް ކަމަށް ވިޔަސް ދަރިން ކަމަށް ވިޔަސް އަދި މައިންބަފައިން ކަމަށް ވިޔަސް އޭނާގެ މައްޗަށް އަމުރުކުރެވޭ އެހެން ފަރާތެއް ކަމަށް ވިޔަސް ރައްޓެއްސެއް ކަމުގަ ވިޔަސް އޭނަ އަށް މަންފާ އެއް ކޮށްފާނެ ކަމެއް ކުރާނެ މީހެއް ކަމުގަ ވިޔަސް،"

'ދަ ޕްރެސް' އާ މިއަދު ދެއްކެވި ވާހަކައިގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވަނީ، ކެމްޕެއިނާ ގުޅުންހުރި ހަރަކާތްތައް މިއަދު އިރުއޮއްސި 6 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6 ގެ ނިޔަލަށް ނުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.