ވީހާ ވެސް އަވަހަށް ވޯޓު ލާން ނުކުތުމަށާއި، މިއަދު އިރުއޮއްސި 6 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6 ގެ ނިޔަލަށް ކެމްޕެއިންނުކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިލްތިމާސްކޮށްފިއެވެ.

މާދަމާ ބާއްވާ އިންތިހާބުގެ ކުރިން 'ދަ ޕްރެސް' އަށް ދެއްވި ފަހުބަހުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު މިއަދު ވިދާޅުވީ، އެ ކޮމިޝަނުގެ ފަރާތުން އިންތިހާބަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، ވޯޓުލާ މަރުކަޒުތަކުގެ މަސައްކަތްތައް މިރޭ ނިމޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަން އޮންނައިރު، ފުވާދު ވަނީ އާންމުންގެ ފަރާތުން ދެ ކަމަކަށް އިލްތިމާސްކުރައްވައިފައެވެ. އެ ކަންކަމަކީ:

  • ވީހާ ވެސް އަވަހަށް ނުކުމެ ވޯޓުލުމަށް
  • މިއަދު އިރުއޮއްސި 6 އިން ފެށިގެން އާދީއްތަ ދުވަހުގެ ހެނދުނު 6 އަށް ކެމްޕެއިން ނުކުރުމަށް

އިންތިހާބުގައި ލާ ވޯޓަކީ ސިއްރު ވޯޓެއް ކަމަށް ވިދާޅުވެ، ފުވާދު އެދިވަޑައިގަތީ ވީހާ ވެސް މިނިވަންކަމާ އެކު އާންމުން ވޯޓު ދިނުމަށެވެ.

"ކޮންމެ ބޭފުޅެއްގެ ވެސް ވޯޓު ސިއްރު ވާނެ، އެހެންވީމާ އެ ބޭފުޅަކަށް ވޯޓު ދެއްވަން ފެނިވަޑައިގަންނަވާ ބޭފުޅަކަށް އެއްވެސް ކަހަލަ މަޖުބޫރުކަމަކަށް ތަބައަވެވަޑައިގަންނަވާކަށް ނުޖެހޭނެޔޭ،" ފުވާދު ވިދާޅުވިއެވެ.

މާދަމާގެ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވާނެ ކަމުގެ ޔަގީންކަން ދެއްވައި ފުވާދު ވިދާޅުވީ، ވޯޓު ލުން ނިމި މާދަމާރޭގެ ވަގުތެއްގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރެވޭ ވަރު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މާދަމާގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެން ވަނީ 282،395 މީހުންނަށެވެ. އަށް ކެންޑިޑޭޓުން ވާދަކުރައްވާ މި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ.