ރިޔާސީ އިންތިހާބަށް ބާކީ އެންމެ 2 ދުވަހަށް ވެފައި ވާއިރު އެންމެންގެ ހިތުގައިވެސް އުފެދޭނެ ސުވާލަކަށް ވެފައި އޮންނާނީ "މި ރިޔާސީ އިންތިހާބު 2023 ކާމިޔާބު ކުރާނީ ކޮން ބޭފުޅެއްތޯއެވެ؟"

ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ކެމްޕެއިނަށް ކެންޑިޑޭޓުންތައް ގޮސް ވައުދުތައް ވާއިރު، ކެންޑިޑޭޓުންނަށް ތާއީދު އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަންނަން ޖެހެއެވެ. އެއްބުރުން މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ބައެއް ކެންޑިޑޭޓުން ދޭ އިރު ހަގީގަތުގައިވެސް އެވަރަށް ވޯޓު ލިބޭނެ ހެއްޔެވެ؟

2018 ވަނަ އަހަރުގެ އިންތިހާބާ ހިލާފަށް މިފަހަރު ކެނޑިޑޭޓުން ގިނައެވެ. މިހެން ވުމާއެކު ވޯޓުތައްވެސް ދާނީ ބައިބަޔަށް ބެހިގެންނެވެ. ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 282،395 މީހަކަށް ލިބިފައި ވާއިރު 100 ޕަސެންޓް މީހުން ވޯޓުލާނަމަ އެއްބުރުން އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ މަދުވެގެން 141،198 ވޯޓު ބޭނުންވާނެއެވެ. ނަމަވެސް މިހާތަނަަށް ބޭއްވި އިންތިހާބުތަކުގައި ވޯޓުލާފައިވާ ނިސްބަތަށް ބަލައި 87 ޕަސެންޓް މީހުން ވޯޓުލިޔަސް 122،842 ވޯޓު ހޯދަން ޖެހޭނެެެވެ.

މި އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަ ކުރާއިރު ވޯޓު ބެހިގެންދާނެ ކަމަށް ފެންނަ ގޮތް؛

  • ވޯޓު ލާނެ ކަމަށް ބެލެވޭ އަދަދު - 245,683 (87 ޕަސެންޓް)
  • ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - 105,643 (43 ޕަސެންޓް)
  • ޑރ. މުހައްމަދު މުއިއްޒު - 93,359 (38 ޕަސެންޓް)
  • އެހެން ހުރިހާ ކެންޑިޑޭޓުން - 36,852 (15 ޕަސެންޓް)
  • ބާތިލް - 9,827 (4 ޕަސެންޓް)

އެހެންކަމުން ބެހިގެންދާ ވޯޓު ތަކާއެކު އެންމެ ގިނައިން ވޯޓު ލިބޭ 2 ކެންޑިޑެޓުންނަށް ވެސް އެއްބުރުން އިންތިހާބު ކާމިޔާބެއް ނުކުރެވޭނެއެވެ.

ތޮއްޑޫއިން މުއިއްޒުއަށް މަރުހަބާ ވިދާޅުވަނީ

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 100،000 ވުރެ ގިނަ މީހުންނަކީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. އުމުރުން 18 އަހަރު ފުރިގެން މުޅިން އަލަށް ވޯޓުލެވޭ ޒުވާނުންގެ އަދަދު ވެސް 21،000 އަށް އަރައެވެ. އެހެން ކަމުން މި އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ކޮންމެ ކެންޑިޑޭޓަކަށް ވެސް ޒުވާނުންގެ ތާއީދު ވަރަށް މުހިންމެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 262،135 މީހުންނަށެވެ. އޭގެ ތެރެއިން 89.2 ޕަސެންޓް މީހުން ވޯޓުލާފައި ވެއެވެ. އެ އިންތިހާބު މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވީ 134،705 ވޯޓު ހޯއްދަވައިގެންނެވެ. އެއީ ވޯޓު ލީ މީހުންގެ 58.4 ޕަސެންޓެވެ. އޭރު ވެރިކަމުގައި ހުންނެވި އަބަދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. އެއީ ވޯޓު ލީ މީހުންގެ 41.6 ޕަސެންޓެވެ. މިއީ މިހާތަނަށް ރިޔާސީ އިންތާހާބެއްގެ ނަތީޖާ މިހާ ތަފާތުބޮޑުކޮށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެއްބުރުން ކާމިޔާބު ކުރެވެނު ފުރަތަމަ ރިޔާސީ އިންތިހާބުވެސް މެއެވެ. ނަމަވެސް މިއަދު މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ.

އެމްޑީޕީގައި ބައިބައިވުން އުފެދުން

2018 ވަނަ އަހަރު އޮތް އިންތިހާބު އެއްބުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވި ނަމަވެސް އެދުވަހު ލިބުނު އެތައް ވޯޓެއް މިއަދު ބައިބައިވެގެން ދާނެއެވެ. އެ ޕާޓީގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި ރައީސް މުހައްމަދު ނަޝީދަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ހަރު، އަދި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ. އެމަނިކުފާނާއެކު އެމްޑީޕީއާ ހިޔާލު ތަފާތުވެ ޕާޓީގެ މެމްބަރުންތަކެއް ވަކިވެ ރައީސް ސޯލިހާއި ފެއަށް ޖެހުން ވެގެން ދިޔައީ ސިޔާސީ ގޮތުން މަންޒަރު ބަދަލުކޮށްލި ކަމަކަށެވެ. "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް ރައީސް ނަޝީދު އިސްކޮށް ހުންނަވާ ވަނީ އުފައްދާފައެވެ. އަދި މި ޕާޓީ އުފެއްދި ތާ މާ ގިނަ ދުވަސްތަކެއްވެސް ނުވަނީސް 3500 އަށް ވުރެ ގިނަ ސޮއި ވަނީ ހޯދާފައެވެ. މިއީ މުޅިންވެސް އެމްޑީޕީ ފިކުރުގެ ނުވަތަ އެޕާޓީއަށް ނިސްބަތްވާ މީހުންނެވެ.

އެމްޑީޕީގައި ބައިލައްކައާ ގާތްކުރާ އަދަދަކަށް މެމްބަރުން ތިބިނަމަވެސް އެޕާޓީން މިއަހަރު ބޭއްވި ރިޔާސީ ޕްރައިމަރީގައި ވޯޓު ލާން ނިކުތީ ނިސްބަތުން މަދު ބައެކެވެ. އޭގެ ތެރެއިންވެސް ރައީސް ސޯލިހަށް ވޯޓު ދިނީ ބައެއް މީހުންނެވެ.

އިންތިހާބުގެ ވޯޓުލާ ނިސްބަތް 87 ޕަސެންޓަށް ވުރެ ދައްވެއްޖެނަމަ ވެސް އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑީ ރައީސް ސޯލިހަށެވެ. އަދި ދެވަނަ ބުރަކަށް ގޮސްފިނަމަ، ބާކީ ތިބި ކެންޑިޑޭޓުންނާއި މެންބަރުން އެރުން އެންމެ ގާތީ މޮޅުވާނެ ކޮޅަކަށެވެ.

އުނގޫފާރުގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: އެމްޑީޕީ

ވޯޓު ބެހިފައި ވާ ގޮތް؛

  • މުޅި ރާއްޖެ - 282،395 ވޯޓު
  • މާލެ - 54349 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ހއ - 16649 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ހދ - 19650 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ށ - 13285 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ނ - 12425 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ރ - 17203 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ބ - 10400 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ޅ - 9938 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ކ - 9988 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • އއ - 5908 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • އދ - 8028 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ވ - 1948 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • މ - 5464 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ފ - 4360 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ދ - 5789 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ތ - 11721 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ލ - 13142 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ގއ - 10603 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ގދ - 15641 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)
  • ޏ - 9500 މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ ޕީޕީއެމް)
  • ސ - 25936 (މެޖޯރިޓީ ނަގާނެ ކަމަށް ފެންނަނީ އެމްޑީޕީ)

ދަ ޕްރެސް ގެ "ޕްރެސް ޕޯލް" ނަތީޖާ ދައްކާ ގޮތް

ސޯޝަލްމީޑިއާގެ ތެރެއިން އެކްސްގެ ޔޫޒާސްގެ ތާއީދު އޮތް މިންވަރެއް އަންދާޒާ ކޮށްލުމަށް "ދަ ޕްރެސް" އިން މި މަހު 3 ގައި ނެގި ޕޯލްއިން އެމްޑީޕީގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރި ހޯއްދަވާފައެވެ.

މިމަހު 3 ވަނަ ދުވަހު ޓްވިޓާގައި ފެށި މި ޕޯލްގައި ވަނީ އެންމެ ވާދަވެރި ދެ ކެންޑިޑޭޓް ކަމަށް ވާ ރައީސް ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ތެރެއިން ރާއްޖޭގެ ރައީސަކަށް ދެން ވާނީ ކޮން ބޭފުޅެއްތޯ އަހާފައެވެ. މިހާރު އެ ޕޯލް ބަންދުކޮށްފައި ވާއިރު، ޖުމްލަ 3117 މީހަކު ވަނީ ވޯޓު ދީފައެވެ.

މި ޕޯލްގެ ފައިނަލް ނަތީޖާ ދައްކާ ގޮތުން ރައީސް ސޯލިހް ކުރި ހޯއްދަވާފައި ވަނީ އެ ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 55.7 ޕަސެންޓް ވޯޓާއެކުއެވެ. އަދި ޑރ. މުއިއްޒަށް ވަނީ މި ވޯޓުން 44.3 ޕަސެންޓް ލިބިވަޑައިގެންފައެވެ.

މީގެ ކުރިންވެސް "ދަޕްރެސް" އިން ވަނީ މިފަދަ ޕޯލެއް ފޭސްބްކްގައި ހުޅުވާލައި އާންމުންގެ ތާއީދު އޮތް ކެންޑިޑޭޓެއް ބަލާފައެވެ. އެ ގޮތުން އޮގަސްޓުމަހުގެ ތެރޭގައި ހުޅުވާލި އެ ޕޯޅްގައި މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ބޮޑު ތާއީދެއް ހޯއްދަވާފައި ވަނީ ޑރ. މުއިއްޒެވެ. އެ ޕޯލްގެ ނަތީޖައިން މުއިއްޒުއަށް ވަނީ ޕޯލްގައި ބައިވެރިވި 3288 މީހުންގެ ތެރެއިން 51.2 ޕަސެންޓް ލިބިވަޑައިގެންފައެވެ. ރައީސް ސޯލިހަށް އެ ޕޯލުން ލިބިވަޑައިގަތީ 30.3 ޕަސެންޓެވެ.

މި އަންދާޒާތަކުގެ މައްޗަށް ބުރަވާއިރު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތު ބޮޑީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.