ގެސްޓްހައުސްއެއްގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި 2 މީހަކު ހައްޔަރު ކޮށްފިއެވެ.

"ދަ ޕްރެސްއަށް މައުލޫމާތު ދެއްވަމުން ފުލުހުން ބުނީ، ހެންވޭރުގައި ހުރި ގެސްޓްހައުސްއެއްގެ ތަކެއްޗަށް ގެއްލުންދީ އެގެސްޓްހައުސްގެ އޭސީ އައުޓްޑޯ ޔުނިޓް މައްޗަށް މީހަކު އަރާހުރިކަމަށް މިއަދު 07:01 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 32 އަހަރުގެ މީހަކާއި 33 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް ދިވެހި ދެ ފިރިހެނުން ކަމަށެވެ.

މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި އޭސީ އައުޓްޑޯ ޔުނިޓް މައްޗަށް އަރާހުރި މީހާ އިމާރާތައް އެރުވުމަށް ފުލުހުން މަސައްކަތް ކުރަމުންދާ މަންޒަރު ފެނިގެންދެއެވެ.