ޖަލު އޮފިސަރުން ރަސްމީކޮށް ބޮޑީވޯން ކެމެރާ ހަރުކޮށް މިއަދުން ފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ކަރެކްޝަނުން ބޮޑީވޯން ކެމެރާ ތައާރަފްކޮށް ބޭނުންކޮށްފައި ވަނީ ވަގުތީ ގޮތުން ފްރީ ޓްރައަލްގެ ގޮތުގައެވެ. އެ މުއްދަތުގައި ކަރެކްޝަންގެ ޖަލު އޮފިސަރުން ޓްރެއިނިން ހަދަމުން ދިޔަކަން، ޖަލުތަކުގެ ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ފާހަގަ ކުރެއްވިއެވެ.

ކަރެކްޝަނުން މީގެ ކުރިން ބުނީ، ބޮޑީވޯން ކެމެރާ ތައާރަފް ކުރުމަކީ ގައިދީންނާއި ޖަލު އޮފިސަރުންގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެ އިދާރާ އިން ފާހަގަކުރި ގޮތުގައި ބޮޑީވޯން ކެމެރާގެ ސަބަބުން:

  • ޖަލު އޮފިސަރުން ކުރިއަށް ވުރެ ޒިންމާދާރުކުރެވި، ޖަވާބުދާރީކުރެވޭނެ
  • ޖަލުތެރޭ ހިނގާ ހާދިސާތައް ތަހްގީގު ކުރުމަށް ފަސޭހަވެގެން ދާނެ

މި ކަންކަމުގެ އިތުރުން، ޖަލުތެރޭގައި އީއެސްޖީ އޮފިސަރުން ހިންގާ އޮޕަރޭޝަންތަކުގައި ވެސް ބޮޑީވޯން ކެމެރާ ބޭނުންކުރާނެ ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

އެހެންކަމުން މިއަދުން ފެށިގެން 51 އޮފިސަރަކު ބޮޑީވޯން ކެމެރާ ބޭނުންކުރަމުން ދާނެއެވެ.

ކަރެކްޝަންސްގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ 13 އިން ފެށިގެން ފުލުހުން ވަނީ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށާފައެވެ.