އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ 8 ކެންޑިޑޭޓުންގެ ތެރެއިން 5 ކެންޑިޑޭޓުންނަކީ ހިލޭ ގެންގޮސް ރައީސްކަން ދިނަސް 6 މަސް ވަންދެން ވެސް އެ ޒިންމާ އަދާ ކުރެވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް ވިދާޅުވެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
ރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި، އިމްރާން ވިދާޅުވީ އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސް އިން އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫނީ މި އިންތިހާބު ސީރިއަސްކޮށް ނަންގަވާ އިތުރު އެއްވެސް ކެންޑިޑޭޓަކު ނެތް ކަމަށެވެ. އަދި ބައެއް ކެންޑިޑޭޓުން މި އިންތިހާބު ނަންގަވަނީ ޖޯކެއްގެ ގޮތުގައި ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުންނަށް ފާޑުވިދާޅުވަމުން އިމްރާން ވަނީ ރިޔާސީ އިންތިހާބުގެ ހިސާބުތައް ހިތުގެ އަޑިން ބަރާބަރަށް ޖައްސަވާފައި ވާކަމަށް ވިދާޅުވެފައެވެ. އަދި މި އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އަށް ވޯޓު ލިބޭނީ ރައީސް ސޯލިހަށް ވުރެ 8 ޕަސެންޓު މަދުން ކަމަށް ވެސް ވިދާޅުވެއެވެ. ނަމަވެސް އެ ހިސާބު އަންނަ ގޮތުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
އިތުރަށް އިމްރާން ވިދާޅުވީ ހދ. ގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުން އެ ރަށްތަކުން ބޮޑު ތާއީދެއް ރައީސަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބު، ރައީސް ސޯލިހް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އަދި ރައީސް އިންތިހާބު ކާމިޔާބު ކުރެއްވިޔަސް، ރައީސަށް މެޖޯރިޓީ ވޯޓު ނުލިބޭ އެއްވެސް ރަށެއް އޮތުމަށް ބޭނުން ނުވާކަމަށް ވިދާޅުވެ އިމްރާން ވަނީ ހުރިހާ ރައްޔިތުން ބޮޑުފަޅިއަށް އަރާ ރައީސާއި އެ ކޯލިޝަނަށް ލިބޭ އުފަލުގައި ބައިވެރިވުމަށް ދައުވަތުވެސް ދެއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުޅުދުއްފުށި ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ކިޔާފައެވެ.
ބައެއް މަސްދަރުތަކުން ބުނެފައި ވާ ގޮތުން ރައީސް އެހެން ރަށްރަށަށް ވަޑައިގަންނަވާ އިރު އެ އަތޮޅެއްގެ އެހެން ރަށްރަށުން އެ ރަކަށް މީހުން ދާހެން ކުޅުއްދުއްފުއްޓަށް ވެސް ކައިރި ރަށްރަށުން މީހުން ވަނީ ގޮސްފައެވެ. އަދި އެހެން ދިޔަ މީހުންނަށް 'ސަޔެއް' ދީފައި ވާ ކަމަށް ވެސް ބުނެއެވެ.