ކުރިއަށް އޮތް ދެތިން ދުވަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފްލެޓްތައް އެލޮކޭޓް [ޝަތުރު ހަމަވެ އެގްރީމަންޓުތައް ހަދާ ލިބޭ ފްލެޓް] ކުރަން ފަށާނެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

މީގެ 10 އަހަރުކުރިން ފެށި "ސިފްކޯ ހިޔާ" މަޝްރޫއު ނިންމާ އެތަން ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް ދައްކާލާފައި ވަނީ އިއްޔެއެވެ. ތިން ޓަވަރަށް އިމާރާތް ކުރި މި ފްލެޓް ތަކުގައި ޖުމްލަ 345 އެޕާޓްމެންޓް ވަނީ އަޅާފައެވެ.

އެތަނުގައި ހަދާފައިވާ ހުރިހާ އެޕާޓްމަންޓް ތަކެއް މިހާރު ނިންމާފައި ވާއިރު، ފެނާއި ކަރަންޓުވެސް ވަނީ ދީފައެވެ. އަދި ރެސިޑެންޝަލް ހުރިހާ މަސައްކަތްތަކެއް ނިންމާފައި ވީ ނަމަވެސް ކޮމާޝަލް ބައިތައް ނިންމުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެއާއެކު ކުރިއަށް އޮތް ދެތިން ދުވަސްތެރޭގައި ފްލެޓްތައް އެލޮކޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު ބިންގާ އެޅި މި ފްލެޓްގެ މަސައްކަތް ވަނީ އެކި ސަބަބުތަކާ ހުރެ ލަސްވެފައެވެ. ނަމަވެސް މި ސަރުކާރުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ އެ މަޝްރޫއު ހަވާލު ކުރި ހިސާބުން ހަލުވި ސްޕީޑެއްގައި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ސިފްކޯ ފްލެޓްތައް ލިބުނު މީހުންނަށް ދައކާލުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއު ނިމުމާއެކު ސިފައިންނަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ އުނދަގޫ ދަތި ހާލަތަށް، ބޮޑު ލުއިފަސޭހައެއް ލިބިގެން ދިއުމުގެ އިތުރުން ސިފައިންގެ އާއިލާތަކަށް ހިތްހަމަޖެހުމާއި އުފާ ފާގަތިކަމާއެކު ދިރިއުޅެވޭނެ ފަދަ ހިތްގައިމު މާހައުލަކަށް އެތަން ވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެ ފްލެޓްތައް ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ދައްކާލުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ދިފާއީ ވަޒީރު، މާރިޔާ އަހްމަދު ދީދީގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު ވަނީ ބައިވެރވެ ވަޑައިގެންފައެވެ. އަދި ޖެނެރަލް އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިންނާއި ސިފައިންގެ އާއިލާތައް ވަނީ ބައިވެރިވެފައެވެ.

ހުސްވި ޖުލައި މަހު ތެރޭގައި ސިފްކޯ ފްލެޓްތަކަށް ވަދެވޭނެ ކަމަށް މާރިޔާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ދާދިފަހުން ސިފްކޯ ފްލެޓް ލިބޭ މީހުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފައެވެ.