ބީލަމަށް އިސްލާހު ގެނެސް އުތުރުގެ ތިން ރަށެއްގައި ރިސޯޓު ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ބިޑަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ މިދިޔަ އޮގަސްޓަ މަހުގެ 21 ވަނަ ދުވަހު ރިސޯޓު ހަދަން ފުރަތަމަ ހުޅުވާލާފައި ވަނީ ހއ. މެދަފުއްޓާއި ށ. ނަލަންދޫއެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއަށް އިތުރު ކުރީ 7.9 ހެކްޓަރުގެ ތ. ރުއްތިބި ރަށެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށުގެ ތެރެއިން މި ތިން ރަށުގައި ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 10:00 އަށް އެ މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެގޮތުން 11 ހެކްޓަރުގެ ހއ. މެދަފުއްޓާއި ތ. ރުއްތިބި ރަށަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ 875،000 ޑޮލަރު (13.4 މިލިއަން ރުފިޔާ) އެވެ. އަދި 64 ހެކްޓަރުގެ ނަލަންދޫ އަށް ހުށަހަޅާފައި ވަނީ ދެ މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) އެވެ. ބީލަމުގައިވާ ގޮތުން ހއ. މެދަފުށީގައި 120 އެނދު ތަރައްގީ ކުރެވޭއިރު ށ. ނަލަންދޫގައި 200 އެނދު ތަރައްގީ ކުރެވޭނެއެވެ. އަދި ތ. ރުއްތިބި ރަށުގައި 100 އެނދު ތަރައްގީ ކުރެވޭނެއެވެ.

ރިސޯޓު ހަދަން ހުޅުވާލި ށ.ނަލަންދޫ

މީގެ 22 އަހަރު ކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ށ. ނަލަންދޫ ކުރިން ބޭނުން ކުރަމުން އައީ ލަނޑާ ވިއްސައި އަލާ ކުރުމަށެވެ. ށ. އަތޮޅަށް އެކަށީގެންވާ ފައިދާއެއް ނުލިބި އެ ރަށް ދޫކޮށްފައިވާ މައްސަލަ ރައީސް އިބްރާހީމް ސޯލިހް އަށް އެ ރަށުގެ ރައްޔިތުން ހުށަހަޅާފައި ވަނީ 2021 ވަނަ އަހަރުއެވެ.

އޭރު ރައީސް ސޯލިހް ވަނީ އެހެން އަތޮޅުތަކާ އަޅާބަލާއިރު ށ. އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމަކީ އެކަން ބަދަލުކުރަން ސަރުކާރުން ވިސްނުންތަކެއް ގެންގުޅޭ ކަމެއް ކަމަށާއި ޓޫރިޒަމަށް އެ އަތޮޅުން ރަށްތަކެއް ދޫކުރައްވާނެ ކަމަށް ވިދާޅުވެފަވެ.

މީގެ އިތުރުން ހއ. މެދުފުށި ވަނީ 2021 ވަނަ އަހަރު ބޭއްވި ދުބާއީ އެކްސްޕޯގައި ވެސް އިންވެސްޓް ކުރުމަށް ހުޅުވާލާފައެވެ.