ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ހެދުމުގެ ގަވާއިދާ ހިލާފްވުމުން ވ. ކުނާވަހި ރިސޯޓު ހިންގާ ކުންފުނި ކަމަށްވާ ސީޖޭއެލް އިންވެސްޓްމެންޓުން ޖޫރިމަނާކޮށްފިއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ތިމާވެއްޓަށް ފާހަގަކުރެވޭ ފަދަ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ހޯދަން ޖެހެއެވެ. ނަމަވެސް، ކުނާވަށި ރިސޯޓް ހިންގާ ސީޖޭއެލް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ވަނީ އީއާރުއޭގެ ހުއްދަ ލިބުމުގެ ކުރިން އަދި އީއައިއޭގެ މަރުހަލާތައް ފުރިހަމަނުކޮށް ސީޕްލޭން ޕްލެޓްފޯމް އެޅުމުގެ މަސައްކަތް ކޮށްފައެވެ.
އެއާއެކު މި މައްސަލަ ބެލުމަށްފަހު، އެ ކުންފުނި ޖޫރިމަނާކޮށްފައިވަނީ 20،000.00 ރުފިޔާއިންނެވެ. މިއީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މިފަދަ ކުށެއް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ އަދަދެވެ. މި ޖޫރިމަނާގެ ފައިސާ އިއްޔެއިން ފެށިގެން، ސަރުކާރު ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް ވަނީ އަންގާފައެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން އިތުރަށް ބުނެފައިވަނީ، ސީޖޭއެލް އިންވެސްޓްމެންޓުން ކުރިއަށްގެންދާ އެންމެހާ މަޝްރޫއުތައް ތިމާވެއްޓާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް އިރުޝާދު ދީފައިވާ ކަމަށެވެ.
އީއައިއޭ އާ ހިލާފުވުމުން މީގެ ކުރިންވެސް އެކި ރިސޯޓުތަކާއި އެކި ރަށްރަށުގެ ކައުންސިލްތައްވެސް ޖޫރިމަނާކޮށްފައި ވެއެވެ. އީއައިއޭ ހަދަންޖެހޭ ކަމަށް ގަވާއިދު ބުނާ ތަރައްގީގެ މަސައްކަތެއް ފެށުމުގެ ކުރިން ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަށް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ. އަދި ރިޕޯޓުގައި، ތަރައްގީގެ ހުށަހެޅުން އެކުލަވާލުމުގައި ތިމާވެށްޓާބެހޭ ހުރިހާ ކަންކަމަކަށް ބަލައި، އެކަންކަމާ ގުޅިގެން ދިމާވެދާނޭ ކަންތައްތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނޭ ގޮތްތައް ކަނޑައެޅިފައިވާކަން ޔަގީންކޮށްދޭންޖެހެ އެވެ.
ގަވާއިދު ބުނާގޮތުން، އެ ރިޕޯޓު ބަލައި ވަޒަން ކުރުމަށްފަހު އެމަޝްރޫއުގެ ސަބަބުން ގަބޫލު ނުކުރެވޭފަދަ އަދި އިއާދަނުކުރެވޭ ބޮޑެތި ގެއްލުންތަކެއް ތިމާވެށްޓަށް ކޮށްފާނެ ކަމަށް މިނިސްޓްރީއަށް ފާހަގަކުރެވިއްޖެނަމަ އެމަޝްރޫއު ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށް މިނިސްޓްރީން އެންގިދާނެ އެވެ.
