އާބަންކޯއާއި އެމްއައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ވިލުނުވެރި ކަނބަލުން ޕްރޮގްރާމް ނިންމާ، ސެޓްފިކެޓް ހަވާލު ކޮށްފިއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނާއި އެމްއައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ވިލުނުވެރި ކަނބަލުންގެ ޕްރޮގްރާމް ނިންމާ، ސެޓްފިކެޓް ހަވާލު ކޮށްފައި ވަނީ އެކަމަށްޓަކައި ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ އާބަންކޯގެ ޗީފް ހޮސްޕިޓާލިޓީ އޮފިސަރު އިބްރާހިމް އިނާޒް ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ އެ ރަސްމިއްޔާތުގައި އެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ 150 ކަނބަލުންނަށް ސެޓްފިކެޓް ހަވާލު ކޮށްފައިވާ ކަމަށާއި އެ ޕްރޮގްރާމަކީ އަންހެނުންނަށް ހާއްސަ ކޮށްގެން، އަންހެނުން ބާރުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ޓްރެއިނިން ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން އެ ޕްރޮގްރާމްގައި އާއްމު ދިރިއުޅުމުގައި ގޭތެރޭގައި ބޭނުންކުރާ ހިފާ، ގެންގުޅޭ ކަރަންޓު ސާމާނު ރައްކާތެރިކޮށް ބޭނުން ކުރާނެ ގޮތާއި އެތަކެއްޗަށް ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތަކަކީ ކޮބާކަމާއި އެ ކަންކަން ހައްލު ކުރާނެގޮތް ދަސްކޮށް ދީފައިވާ ކަމަށް ވެސް އާބަންކޯ އިން ވަނީ ބުނެފައެވެ.

އާބަންކޯ އިން އަބަދުވެސް މުޖްތަމައުގެ ފަރުދުން ބާރުވެރި ކުރުވައި ހޭލުންތެރި ކުރުމަށް ތަފާތު ޕްރޮގްރާމްތަކާއި ޓްރެއިނިންތައް ކުރިއަށް ގެންދެއެވެ.

އާބަންކޯއިން ބުނީ ކުރިއަށް އޮތްތާނގައި ވެސް މިފަދަ ތަފާތު ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.