މީގެ ނުވަ ވަރަކަށް އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފްލެޓްތައް އެ ތަންތަން ލިބުނު ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް މިއަދު ދައްކާލައިފިއެވެ.

ސިފްކޯ ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ތިން ޓަވަރަކަށެވެ. އެއީ ސިފްކޯ ހިޔާ އޭ، ބީ އަދި ސީއެވެ. އެ ތިން ޓަވަރުގައި މުޅި އެކު 345 އެޕާޓްމަންޓް އަޅާފައިވާ އިރު، އެ ފްލެޓްތައް ލިބޭ ސިފައިންނަށް މިއަދު އެތަން ވަނީ ދައްކާލާފައެވެ. ނަމަވެސް ތަންތަން ދޫކުރާނެ ދުވަހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އެތަނުގައި ހަދާފައިވާ ހުރިހާ އެޕާޓްމަންޓް ތަކެއް ނިމިފައިވާ އިރު، އެތަނަށް ފެނާއި ކަރަންޓް ވެސް ވަނީ ދީފައެވެ. ނަމަވެސް އަދިވެސް އެ އިމާރާތުގެ ކޮމާޝަލް ބައިތައް ނިންމުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

2014 ވަނަ އަހަރުގެ ނޮމެމްބަރު މަހުގެ ފަހުކޮޅު ބިންގާ އެޅި މި ޕްލެޓްގެ މަސައްކަތް ވަނީ އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެފައެވެ. ނަމަވެސް މި ސަރުކާރުން ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް" އާ އެ މަސައްކަތް ހަވާލު ކުރި ހިސާބުން ހަލުވި ސްޕީޑެއްގައި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ ޖޫން މަހު ބޭއްވި ސިފައިންގެ އަހަރީ ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައި ވަނީ، ހުސްވި ޖުލައި މަހު ތެރޭގައި ސިފްކޯ ފްލެޓްތަކަށް ވަދެވޭނެ ކަމަށެވެ. މިދިޔަ މަހު ސިފްކޯ ފްލެޓް ލިބޭ މީހުންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވާފައި ވީ ނަމަވެސް ފްލެޓް އަދި ދޫކުރާ ތަރީހެއް ހާމައެއް ނުކުރެއެވެ.