އިޒިނީ ސެންޓް މެއާ ޗީޒް ވަނީ ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަޢައްޔަރުވެފައި ކަމަށް ބުނެ އެ ޗީޗް ވިއްކުމާއި ބޭނުން ކުރުން މަނާ ކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު ނޫސް ބަޔާނުގައި ބުނީ، ފްރާންސުން ރާއްޖެއަށް އެތްރެކޮށް ވިއްކަމުންދާ އިޒިނީ ސެންޓް މެއާ ނަމަކަށް ކިޔާ ބްރޭންޑްގެ ޗީޒް އަކީ ލިސްޓީރިއާ މޮނޯސައިޓޯޖީންސް ޖަރާސީމުން ތަޢައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމަށް ޔޫރަޕް ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ވަނީ އަންގާފައި ކަމަށެވެ.
އެ އެލާޓާ ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރުން އެ އޮތޯރިޓީން ބަލަމުންދާ ކަމަށް ބުނެއެވެ. ވީމާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބްރޭންޑްގެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެމްއެފްޑީން ވަނީ އަންގާފައެވެ.
އެލާޓް ނެރެފައިވާ އިޒިނީ ސެންޓް މެއާ ބްރޭންޑްގެ ޗީޒްގެ ލޭބަލްގައިވާ ނަމަކީ ކެމެމްބާޓް އިޒިނީ ކެލްވަޑޯސް 250 ގްރާމެވެ. ފައިން ފުޑްސް ޑިސްޓްރިބިއުޓާގެ މި ޗީސްގެ މުއްދަތު ހަމަވާ ތާރީހަކީ މި މަހުގެ 11 ކަމަށް އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވެއެވެ.