މެޗްމޭކިން ނުވަތަ ތެދުވެރި ލޯތްބެއް ދަރިންނަށް ހޯދައި ދިނުމަށްޓަކައި ޖަޕާނުގައި ބާއްވަމުން އަންނަ މައިންބަފައިންގެ ކޮންފަރެންސްގައި 60 އެއްހާ މީހުން ބައިވެރިވެއްޖެއެވެ.
ޖަޕާނުގެ އޮސާކާގައި ބޭއްވި މި ކޮންފަރެންސް އަށް ދެ ޖިންސުގެ 60 އެއްހާ މީހުން ހާޒިރުވި އިރު ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ދަރިފުޅާ ގުޅޭ ލިޔެކިޔުންތައްވެސް ހިފައިގެންނެވެ.
ބޮޑު ހޯލެއްގައި އެންމެން ތިބި އިރު އެކަކު އަނެކަކާ ބައްދަލު ކޮށް، އެމީހެއް ދަރިފުޅުގެ ވާހަކަ އަނެކާއާ ހިއްސާ ކުރަމުން ގެންދިޔައެވެ. ދަރިފުޅުގެ ހޮބީ އާއި، ތައުލީމީ ފެންވަރާއި ކެއުމުގެ އުސޫލުތަކާއި އުޅުމާއި އަހުލާގާއި މިހެން ގޮސް ޒާތީ ގިނަ މައުލޫމާތުތައް އެކަކު އަނެކަކާ ބަދަލުކުރަމުން ގެންދިޔައެވެ.
ކޮންމެ މީހަކު ވެސް 96 އެމެރިކާ ޑޮލަރު ދައްކައިގެން މި އިވެންޓުގައި ބައިވެރިވި އިރު، ހިޔާލު ބަދަލު ކުރުމުގެ ތެރެއިން މިޒާޖާއި ތޮބީއަތާއި އާއިލާ އާއި އެހެނިހެން މުހިންމު މައުލޫމާތުތައް ވެސް ބަދަލުކޮށްފައި ވެއެވެ.
ބޭނުމަކީ، ދަރިން އުޅެން ޖެހިފައިވާ ހަލަބޮލި ދިރިއުޅުމުގެ ތެރެއިން އެ ކުދިންގެ ޒުވާން އުމުގައި ބައިވެރިއަކު އަމިއްލަ އަށް ހޯދާ ހަޔާތެއް ފަށަން ދަތިވެފައި ތިބި ޒުވާނުންނަށް ބައިވެރިއަކު ހޯދައި ދިނުމެވެ.
ޖަޕާނުގެ ބައެއް ހިސާބުތަކުގައި ދިރިއުޅުމުގެ ހާލަތާއި ފެންވަރާއި ލިބޭ އާމްދަނީ އާ ބައްދަލު ނުވެ ތިބެން ޖެހުމަކީ މައިންފައިން މުސްކުޅިވެ ދާ އިރުވެސް ދަރިންނަށް ހަޔާތެއް ނުފެށި އޮންނަ ސަބަބެކެވެ. ދުނިޔޭގެ އެހެން ތަންތާނގައިހެން ޖަޕާނުގައިވެސް މިހާރުގެ ޖެނެރޭޝަން [ޖެން ޒީ] ބައިވެރިން ހޯދަނީ އެމީހުން އަމިއްލައަށެވެ. ސޯޝަލްމީޑިއާގެ އެކި މަންސަތަކާއި ސްކޫލް މާހައުލުންނާއި މަސައްކަތުގެ މާހައުލުން ބައިވެރިން ހޯދި ނަމަވެސް އެފަދަ ނަސީބެއް ނުލިބޭ އެތައް ހާސް ޒުވާނުންނެއް ޖަޕާނުގައި އެބަތިއްބެއެވެ.
ޖަޕާނަކީ އުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ ގައުމަކަށް ވާއިރު، އަލަށް ފެށި މި އީޖާދީ ހިޔާލާއެކު އެތައް އާއިލާއަކަށް އެމީހުންގެ ދަރިންގެ މިޒާޖާ ގުޅޭ، ދަރިފުޅު ލޯބިން ގެންގުޅެދޭނެ ބައިވެރިން ހޯދުމަށް ވަނީ ފުރުސަތު ލިބިފައެވެ.
2021ގެ ހިސާބުތަކަށް ބަލާއިރު މުޅި ޖަޕާނުގައިވެސް ކޮށްފައި ވާ ކައިވެނީގެ އަދަދު 5 ލައްކައަށް ވުރެވެސް މަދެވެ. އާންމުކޮށް ޖަޕާނުގައި ކައިވެނި ކުރަނީ ފިރިހެން މީހާގެ އުމުރުން 34، އަދި އަންހެން މީހާގެ އުމުރުން 29 އަށް އަޅާލީމައެވެ.
ލަހުން ކައިވެނި ކުރުމާއި، ބައިވެރިން ނުލިބި ހުސްކޮށް ހުންނަން ޖެހުމުން ޖަޕާނުގެ އާބާދީ އިތުރުވަމުން ދާ ރޭޓުވެސް ބޮޑުތަނުން ދައްވަމުން އަންނަ އިރު އެގައުމުގެ ސަރުކާރުން ވަނީ އާބާދީ އިތުރު ކުރުމަށް ކައިވެނި ކޮށް ދަަރިން ހޯދާ ފަރާތްތަކަށް އެލަވަންސެއް ދޭ ޕްރޮގްރާމެއް ފަށާފައެވެ.
އެގޮތުން ހޯދާ ކޮންމެ ކުއްޖަކަށް 1000 ޑޮލަރުގެ މަގުން އެލަވަންސެއް ދިނުމަށް ވަނީ ނިންމާފައެވެ.