ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އާބްންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައި ވާ ކަމަށާއި އެގޮތުން އެ މަސައްކަތްތަކުގެ ތެރެއިން ސައިޓް އޭ ގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް ފެށުމަށް އެ ސަރަހައްދު ހުސްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

އާބަންކޯއިން ބުނީ އަޅާފައިވާ އަމިއްލަ ފަރާތްތަކުގެ އުޅަނދުތައް ވެސް ވީހާވެސް އަވަހަކަށް އެ ސަރަހައްދުން ނެގުމަކީ އެ ކޯޕަރޭޝަންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެގޮތަށް ނެގޭ އުޅަނދުތައް އެ ސަރަހައްދުގެ ބޭރުގައި އެޅުމުގު ފުރުސަތުވެސް މިހާރު ފަހިކޮށްދީފައި ވާނެ ކަމަށެވެ.

އެ ކޯޕަރޭޝަންގައި ރަޖިސްޓްރީ ކޮށްގެން ކުޑަގިރި ފަޅު އަދި ދިޔަނެރު ފަޅުގައިވެސް އުޅަނދުތައް އެޅުމުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައި ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ތަރައްގީއަށް ކުރެވޭ އެފަދަ މަސައްކަތްތައް ވީހާވެސް އަވަހަކަށް ނިންމުމަށް ކަމަށެވެ.