ވެރިކަން ކުރައްވާފައި ބޭފުޅަކަށް ވިޔަސް އަދި އެނޫން ބޭފުޅެއްކަމުގައި ވިޔަސް ކުށެއް ކޮށްފައި ވާނަމަ ގާނޫނީ އަދަބު ލިބެން ޖެހޭނެ ކަމަށާ އެއީ ނުހައްގުކަމެކޭ އަދި އަނިޔާވެރި ކަމެކޭވެސް ނުބުނެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ 'ސަންގު ޓީވީ' އިން ކުރިއަށް ގެންދިޔަ ރިޔާސީ ބަހުސްގައި ވެރިކަން ލިބިވަޑައިގެންފިނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލަށް ލައިފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ ބޭއިންސާފުން އަނިޔާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށެވެ.
އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އަނިޔާގެ ޝިކާރައަކަށް އޭނާ ވެވަޑައިގެންނެވި ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ. އަދި އޭރު އޭނާގެ މައްޗަށް ހުކުމްކޮށް އަނިޔާވެެރިވެފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާ އެއީ ކަނޑައެޅިގެން ސަރުކާރުގެ ނުފޫޒާއި ބާރުވެރިކަން ފޯރުކޮށްގެން ކޮށްފައިވާ ހުކުމެއް ކަމަށް ގާސިމް ވަނީ ފާހަގަ ކުރައްވާފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމް އާ މެދު ކަންތައް ކުރި ގޮތުގެ ހަނދާންތައް އާކުރައްވަމުން ގާސިމް ވިދާޅުވީ އޭނާގެ މައްޗަށް ކޯޓުން ހުކުމް ކޮށްފައި ވަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވަނިކޮށް ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އެ ގޮތަށް ހުކުމް ކުރުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެން ނުވާކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ މިއަދުގެ ރަައީސް ސޯލިހްގެ ސަރުކާރު މާދަމާ ނިމިގެން ދާއިރު ކުށެއް ނުވަތަ ގޯސް ކަމެއް ކޮށްފައި އޮތިއްޔާ އެކަން ބަލަން ޖެހޭނެ ކަމަށެވެ. އަދި އެކަން ބަޔަކު ހުށަހަޅައިފިނަމަ ގާނޫނު އޮންނަ ގޮތަށް އަދަބު ލިބެން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.
ރޭ ކުރިއަށް ދިޔަ ބަހުސްގައި ގާސިމްގެ އިތުރުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވީ އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއް ނުކުރައްވާނެ ކަމަށާ ތުހުމަތަށް ސާބިތުވާނަމަ، އެކަމުގެ އަދަބު ލިބެން ޖެހޭނެކަމަށެވެ.