ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އަކީ ދިވެހި ސިޔާސީ ލީޑަރުންނަށް ހުރި ނުރައްކަލެއް ކަމަށް ސިފަކުރައްވައި މާރިޔާ ހައްޔަރުކުރުމަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލެއްވި ގޮވާލެއްވުމަށް މާރިޔާ ރައްދު ދެއްވައި، ޕްރެސް ކޮންފަރެންސްތަކުގައި ދައްކަވަމުން ގެންދަވާ ވާހަކަތައް އޭނާ ދިފާއު ކުރައްވައިފިއެވެ.

ރައީސާ އެންމެ ވާދަވެރި ކެންޑިޑޭޓު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި، މުއިއްޒާއި އޭނާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ގުޅޭ ގޮތުން މާރިޔާ ދައްކަވާ ވާހަކަތަކަށް ފާޑުވިދާޅުވެ ބ. އޭދަފުށީގައި ރޭ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މާރިޔާ ހުދޫދުން ބޭރުވެއްޖެ ކަމަށެވެ. މާރިޔާ އަކީ އެހެން ސިޔާސީ ލީޑަރުންނަށް ހުރި ނުރައްކަލެއް ކަމަށް ސިފަކުރައްވައި ސަލާމަތީ ބާރުތަކަށް ޝަހީމް ގޮވާލެއްވީ ވަގުތުން ވަގުތަށް މާރިޔާ ހައްޔަރުކުރުމަށެވެ.

އާދައިގެ މަތިން ކޮންމެ ދުވަހަކު ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގެ ތަރުޖަމާނުކަން ވެސް ކުރައްވާ މާރިޔާ ވަނީ ރައީސްގެ ބައެއް ވައުދުތަކަށް އަލިއަޅުވާލައްވައި، މާލޭގެ މޭޔަރު އަދި ވާދަވެރި ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ބައެއް ވައުދުތަކާއި ރައީސްގެ ވައުދުތައް އަލާކިޔުއްވައި، މުއިއްޒު ރައީސްގެ ވައުދުތައް ކޮޕީ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވައިފައެވެ.

އެއަށް ފަހު އެހެން ދުވަސްތަކެކޭ އެއްގޮތަށް، މީގެ ފަސް އަހަރުކުރިން ބައެއް ނޫސްތަކުގައި ޝާއިއުކޮށްފައި ހުރި ހަބަރުތަކަށް އަލިއަޅުވާލައްވައި މާރިޔާ ވިދާޅުވީ، ކޮންމެ ބަޔަކު ބޭނުންކަމުގައި ވިޔަސް މިއަދު އަޑުއުފުލުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ސިޔާސީ މަސައްކަތްތަކާ ދުރު ވަޒީފާ އަދާކުރާ ފަރާތްތަކުގެ ކަންބޮޑުވުންތައް ހުއްޓަސް ސަރުކާރުން އެކަންކަން ބަލައިގަންނާނެ ކަމަށެވެ.

އެއަށްފަހު ޝަހީމްގެ ވާހަކަ އަށް ރައްދު ދެއްވައި މާރިޔާ ވިދާޅުވީ، މުއިއްޒު ވެރިކަމަށް އިންތިހާބުވެއްޖެ ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރި އަނިޔާތަކާއި ބިރުވެރިކަން އިއާދަވެގެން ދާނެ ކަމަށެވެ. ޕްރެސްގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ، އޭނާ މީގެ ކުރިން ދެއްކެވި ވާހަކަތައް ދިފާއުކުރައްވައިފައެވެ.

"ބައްލަވާ، އަޅުގަނޑު ނުކުމެ ޕޯޑިއަމްގައި ސްޕޯކްސްޕާސަނެއްގެ ހައިސިއްޔަތުން އަޅުގަނޑު ވާހަކަދެއްކީމާ އަޅުގަނޑު މިހާރުން މިހާރަށް، ޖާބިރު ވިދާޅުވާހެން 'ވަގުތުން ވަގުތަށް' ހައްޔަރުކުރާށޭ ކިޔާފަ ގޮވާލަން ޖެހުނީމާ އޭގެން ފެންނަނީ އަޅުގަނޑުމެން މި ދެކޭ ޑިމޮކްރަސީ، ހިޔާލު ފާޅުކުރުމުގެ މުހިންމުކަން،"

މި ވެރިކަމުގައި ދިވެހި ސިޔާސީ ދާއިރާގައި އަންހެނުންގެ ހަރަކާތްތެރިކަން އިތުރުކުރުމަށް މަސައްކަތްކުރެވިއްޖެ ކަމަށް ވިދާޅުވެ، ޝަހީމްގެ ވާހަކަތަކަށް އިތުރަށް އަލިއަޅުވާލައްވައި މާރިޔާ ވިދާޅުވީ، މުއިއްޒަށް ވެރިކަމަށް ވަޑައިނުގެންނެވޭ އިރު އެ ދައްކަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ ކަމަށާއި، މިކަމުން އަންހެނުންނަށް ހިތްވަރުދީ ސަރުކާރުން ކުރާ މަސައްކަތް ހަޖަމުނުވާ ކަން ސާފުވާ ކަމަށެވެ.

މިހާތަނަށް ބޭއްވި ހުރިހާ ޕްރެސް ކޮންފަރެންސްތަކުގައި ވެސް މުއިއްޒަށް ފާޑުވިދާޅުވަމުން ގެންދަވާ މާރިޔާ ވިދާޅުވީ، އިދިކޮޅުން ވައުދުތައް ވަމުން ދާއިރު އަސާސީ ހިދުމަތްތައް ގާއިމްކުރާނެ ވާހަކަ ނުދައްކާ ކަމަށާއި، ސަބަބަކީ މި ސަރުކާރުން އަސާސީ ހިދުމަތްތައް ގާއިމްކޮޮށް، މަގުތައް ތަރައްގީކުރުން ފަދަ މަޝްރޫއުތައް ހިންގާފައިވާތީ ކަމަށެވެ. ބަދަލުގައި އިދިކޮޅުން ދައްކަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.