ދެކުނު އެފްރިކާގެ ޖޮހާނަސްބާގްގެ މެދުތެރޭގައި ގެދޮރުނެތް ބަޔަކު ތިބި 5 ބުރި އިމާރާތެއްގައި ރޯވެ 80 މީހަކު މަރުވެއްޖެއެވެ.

ރޭ މި ހާދިސާ ހިނގި ބިލްޑިން އަކީ ގެދޮރު ނެތް މީހުން ބައިތިއްބަން ސަރުކާރުގެ ފަރާތުން އަމިއްލަ އެއްޖީއޯއަކަށް ކުއްޔަށް ދީފައި ހުރި އިމާރާތެކެވެ.

އެއަށް ފަހު މި އިމާރާތް ކުއްޔަށް ދީ އެތާނގައި މީހުން ނިންދަވާ ހަދަމުން ގެންދަނީ، ގަދަކަމުން އެތަނަށް ވެރިވެގެނެގެން އުޅޭ ބައެއް ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައި ވަނީ، އިމާރާތުގެ ކޮންމެ ފްލޯއެއްވެސް އޮތީ ފުރިބާރުވެފައި ކަމަށާއި ކޮންމެ ކޮޓަރިއެއްގައި 5-6 މީހުން ނިދާ ހަދާ ކަމަށެވެ.

ޖޮހަނަސްބާގުގެ މޭޔަރުންގެ ކޮމިޓީގެ މެންބަރެއް ކަމަށް ވާ މިސިނީ ޝުވަކޫ ބުނެފައި ވަނީ، އެ އިމާރާތުގައި ކަރަންޓް ނުހުންނަ ހާލަތްތަކުގައި އަލިކަން ހޯދަނީ އުއްބައްތި ދިއްލައިގެން ކަމަށާއި އަލިފާން ރޯވި ސަބަކަކީ އެއީ ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ އިތުރަށް ބުނީ، އިމާރާތުގެ ސެކިއުރިޓީ ގޭޓް ހުރީ ތަޅުލާފައި ކަމަށާއި އެކަމުގެ ސަބަބުން ގިނަބަޔަކަށް ސަލާމަތް ވުމުގެ ފުރުސަތުވެސް ބަންދުވެގެން ދިޔައީ ކަމަށެވެ.

"އިމާރާތުގެ އެތެރޭގައި ހުންނާނެ ސެކިއުރިޓީ ބޮޑު ދޮރާއްޓެއް، އެތަން ހުރީ ތަޅުލާފައި، އެހެން ކަމުން ގިނަ ބަޔަކަށް ނިކުމެވޭނެ ގޮތެއް ނުވި، އަނދާ ދިޔަ ކިތަންމެ ހަށިގަނޑެއް ގޭޓު ބުޑުގައި އޮތް، 80 ވަރަކަށް ގޯނި [ހަށިގަނޑުތައް ލާފައި] ހުރި" އޭނާ ބުނެފައި ވެއެވެ.

އެ ހާދިސާގައި ސަލާމަތްވި މީހަކާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، އަލިފާނުން ސަލާމަތް ވާން ބައެއް މީހުން އިމާރާތުގެ ކުޑަދޮރުތަކުން ބޭރަށް ފުންމަމުންވެސް ދިޔަ ކަމަށާއި ގަބޫލު ކުރެވެނީ އަލިފާން ފުރަތަމަ ރޯވީ އިމާރާތުގެ ތިރީ ބުރިތަކުގައި ކަމަށެވެ.