ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ލާމަތީ ކަންކަން ބެލެހެއްޓުމަށް މާލެއިން ރަށްރަށަށް ދާ ފުލުހުން ފުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އިންތިހާބީ ސަލާމަތަށްޓަކާ ދަތުރުކުރާ ފުލުހުން ފުރަން ފަށާފައިވަނީ ރޭ ފަތިހު ކަމަށެވެ. އެގޮތުން އުތުރުގެ އަތޮޅުތަކުގެ ރަށްރަށަށް ދާ ފުލުހުން ރޭ ފަތިހުން ފެށިގެން ފުރަން ފަށާފައިވާއިރު ދެކުނުގެ އަތޮޅުތަކުގެ އިންތިހާބީ ސަލާމަތަށް ދަތުރުކުރާ ފުލުހުން މާލެއިން ފުރަން ފެށުން ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެންނެވެ.

ފުލުހުން ބުނީ، ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފުލުހުން ހަރަކާތްތެރި ވަމުންދާނެ ކަމަށެވެ. އަދި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ރަށްރަށުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، އިތުރު ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޮނުވުމަށް ފުލުހުންގެ ޓީމެއް ކޮންމެ ރީޖަނެއްގައިވެސް ގާއިމް ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރި ވަމުން ދާނީ ފުލުހުންގެ ގާނޫނުން ފުލުހުންނަށް މަތިކޮށްފައިވާ ތަމްރީނުތަކާ އެކުގައި ކަމަށާއި އިންތިހާބާ ގުޅޭގޮތުން ދޭންޖެހޭ އެހެނިހެން މައުލޫމާތުވެސް ފުލުހުންނަށް ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް''ގެ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރުއެވެ. އަދި ޑެޕިއުޓީ ކޮމާންޑަރަކަށް ހަމަޖައްސާފައި ވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު މުސްލިމްއެވެ. ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ބެލެހެއްޓުމަށް ފުލުހުން ވަނީ ދުރާލާ ތައްޔާރީތައް ވެފައެވެ.