ގދ.ތިނަދުއާއި ހދ. ކުޅުދުއްފުށި ސިޓީ ގައި އިމާރަތްކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރަން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި ދެ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގް ކޮމްޕެނީ އާ ކަަމަށެވެ. ކުވެއިތު ފަންޑުގެ ލޯނުގެ އެހީގައި ހިންގާ މި ބިޔަ މަޝްރޫއުގެ މަސައްކަތް ކުރުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 30 މަސްދުވަސް ތެރޭގައި ނިންމުމަށް ޖުމްލަ 38 މިލިއަން އެމަރިކާ ޑޮލަރަށެވެ.

ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގް އެއްބަސްވުމުގައި ސޮއި ކޮށްފައިވާއިރު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ އެގްޒަކެޓިވް އަބްދުލް ހައްނާން ހުސައިންއެވެ. އަދި ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެސިޑެންޓް ޖިންހުއި އެވެ.

ކުޅުދުއްފުއްޓާއި ތިނަދޫގައި މިހާރު ވެސް ހޮސްޕިޓަލެއް ހުރެއެވެ. އެ ތަންތަނުން ހިދުމަތްތައްވެސް ލިބެމުންދާއިރު، މި ސަރުކާރުން އެ ދެ ހޮސްޕިޓަލު ވަނީ އިތުރަށް ތަރައްގީ ކޮށްފައެވެ. އަލަށް އިމާރާތް ކުރާ ޓާޝަރީ ހޮސްޕިޓަލް ދެ ރަށުގައިވެސް އިމާރާތް ކުރާނީ އާ ބިމެއްގައެވެ. ދެ ރަށުގައިވެސް ގާއިމް ކުރުމަށް ނިންމާފައިވަނީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެވެ.

ރާއްޖޭގެ ފަސް ސަރަހައްދުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތަކެއް ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. ކުޅުދުއްފުށްޓާއި ތިނަދޫގެ އިތުރުން ޓާޝަރީ ހޮސްޕިޓަލު ތަރައްގީ ކުރަނީ ރ. އުނގޫފާރާއި ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލެވެ.

މީގެ އިތުރުންވެސް ހދ. ހަނިމާދޫ އާއި ށ. މިލަންދޫ އާއި ނ. ވެލިދޫ އާއި ކ. ތުލުސްދޫ އާއި އދ. މާމިނގިއްޔާއި ވ. ފެލިދޫ އާއި ތ. ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލް ހެދުމަށް ވަނީ ނިންމައިފަ އެވެ.