އެމްޑީޕީ ދޫކޮށް ދަ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުން އަނބުރާ އެމްޑީޕީއަށް ގެނައުމަށް އެ މެންބަރުންނަށް ރިޝްވަތު ދެއްވާފައި ނުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެއްވެސް މެންބަރަކާ އެއްވެސް ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތުގެ ގޮތުގައި ބެލޭނެ ފަދަ މުއާމަލާތެއް ހިންގަވާފައި ނުވާނެ ކަމަށެވެ. އަދި އެނބުރި އެމްޑީޕީއާ އެ މެންބަރުން ގުޅިވަޑައިގަތީ އެ ރަށަކަށް ތަރައްގީ ގެނެވެން އޮތީ އެމްޑީޕީއާ އެކީގައި ކަން ގަބޫލު ކުރެއްވުމުގެ އިތުރުން އެ ދާއިރާގެ ރައްޔިތުން އެ ގޮތަށް އެ ދޭތީ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފު އަދި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައި ވާއިރު ކުޅުދުއްފުށި، ތޮއްޑޫ އަދި ރަސްދޫގެ ރައްޔިތުންގެ ވިންދާ އިހްސާސް ހުރިގޮތް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަންކަން ކުރައްވަން ވާނީ ރައްޔިތުންގެ ވިންދާއި އިހްސާސްއާ އެއްގޮތަށް ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

2 މެންބަރަކު އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައި ވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެމްޑީޕީއިން ވަކިވި އެހެން ފަރާތްތަކުން ވެސް އެނބުރި އެމްޑީޕީއާ ގުޅުމަށް ދައުވަތުދެއްވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެމްޑީޕީގައި ޖާގަ އޮންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޑައިގަންނަވާ ހުރިހާ ރަށަކުން ވެސް އެމްޑީޕީ "ސޮލިޑް" ކޮށް އޮތްތަން ފެނިވަޑައިގަންނަވާ ކަމަށާއި މިހާރުވެސް ބައެއް މެންބަރުން އެމްޑީޕީއާ ގުޅުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ރައީސް ވިދާޅުވީ ޕީޕީއެމް ފިޔަވައި އެހެން ފަރާތްތަކާއެކު ކޯލިޝަންގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ޕީޕީއެމް ފިޔަވައި ދެން އެމްޑީޕީއާ ވާދަވެރި ސީޔާސީ ޕާޓީއެއް ނެތް ކަމަށެވެ.