ޕީއެސްއެމް އާއި އެމްއެންޔޫ ގުޅިގެން ބާއްވަން ނިންމި ރިޔާސީ ބަހުސް ކެންސަލްކޮށް ކޮށް، ސަންގު ޓީވީއާ ބައިވެރިވެގެން ސަންގުގެ ބަހުސް ގެނެސްދޭން ޕީއެސްއެމް އިން ނިންމާފަައި ވަނިކޮށް ސަންގުން ދިން ދައުވަތު ރައީސް އެންމެ ފަހުން ގަބޫލު ކުރައްވައިފިއެވެ.
އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ޕީއެސްއެމް އިން ކެންސަލް ކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ކޯލިޝަންގެ ބޮޑު ކެމްޕެއިން ޖަލްސާއެއް ބާއްވާތީ ރިޔާސީ ބަހުސް ބާއްވާ ތާރީހު ބަދަލު ކޮށްދޭން އެ ޕާޓީގެ ފަރާތުން އެދިފައިވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.
ބަހުސް ތާވަލު ކޮށްފައިވާ އަންނަ ހުކުރު ދުވަހުގެ ރެއަކީ އެ ޕާޓީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ރޭ ކަމަށާއި އެ ދުވަހު ބަހުސް ބާއްވާނަމަ ރައީސަށް ބައިވެރިވެވަޑައި ނުގަންނެވޭތީ، ބަހުސް ރީޝެޑިއުލް ކުރެވޭތޯ އެމްއެންޔޫއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މާރިޔާ ވަނީ މިއަދު ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހަށް އެންމެ މުހިންމީ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްއިން ބުނީ މި އަންނަ ހުކުރު ދުވަހުގެ ރޭ 9 އިން 11 އަށް ބޭއްވުމަށް ހަމަޖެއްސި ރިޔާސީ ބަހުސްގައި އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް ބަހުސް ބޭއްވުމަކީ ޕީއެސްއެމް އިން އަމާޒު ކުރި ކަމެއް ކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބާ ގުޅިގެން ކެންޑިޑޭޓުން ބައިވެރި ވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުން ދާތީ އެ ދުވަހު ބާއްވަން ތައްޔާރު ވަމުންދިޔަ ޕީއެސްއެމްގެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރި ވެވަަޑައިނުގެންނެވޭ ކަމަށެވެ.
އެއާއެކު ކެންޑިޑޭޓުންނަށް ބައިވެރި ވެވަޑައިގަނެވެން ނެތުމުންނާއި އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި އެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނާތީ ޕީއެސްއެމުން ސަންގު ޓީވީގެ ބަހުސް ގެނެސްދޭން ނިންމާ ކަމަށެވެ.
ސަންގު ޓީވީއިން ވަނީ ކެންޑިޑޭޓުންގެ މެދުގައި ބަހުސެއް ކުރިއަށް ގެންދިއުމަށް ނިންމާ، ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ދީފައެވެ. ނަމަވެސް އެ ދައުވަތު ރައީސް ފިޔަވާ އެހެން ކެންޑިޑޭޓުން ވަނީ މީގެ ކުރިން ގަބޫލު ކޮށްފައެވެ. ނަމަވެސް މިހާރު ރައީސް އެ ދައުވަތު ގަބޫލު ކުރައްވާފައިވާ ކަަމަށް ސަންގުން ބުނެފައި ވެއެވެ.
ސަންގު ބަހުސް އޮންނާނީ ސެޕްޓެމްބަރު 2 ވާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައެވެ.