ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު، ލ. މާވަށުގެ ތަރައްގީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަ ކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި މަޝްރޫއުތަކުގެ ނިމުން ފާހަގަ ކޮށްދެއްވީ މިހާރު އެމަނިކުފާނު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ރަށަށް ވަޑައިގެންނެވެ. މިގޮތުން މާވަށަށް ވަޑައިގެން މާވަށު ބަނދަރުގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަޝްރޫއާއި އެރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ނިމުން ރައީސް ވަނީ ފާހަގަ ކޮށްދެއްވާފައެވެ.

މާވަށު ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލު ކޮށްގެންނެވެ. އަދި މާވަށު ބަނދަރު ގެ ބޭރުތޮށި އަޕްގްރޭޑްކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްގެންނެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި ބޮޑުހިލަ ބޭނުންކޮށްގެން 284 މީޓަރުގެ ބޭރުތޮށި ލުމާއި، 110 މީޓަރުގެ އެއްގަމު ތޮށިޖެހުމާއި 40 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި އަދި ބަނދަރާ ގުޅޭ އެހެން މަސައްކަތްތައް ކޮށްފައިވެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ހިންގާފައެވެ.