އަންނަ މަހުގެ ފުރަތަމަ ދުވަހުގެރޭ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ކޯލިޝަންގެ ބޮޑު ކެމްޕެއިން ޖަލްސާއެއް ބާއްވާތީ ރިޔާސީ ބަހުސް ބާއްވާ ތާރީހު ބަދަލު ކޮށްދޭން އެ ޕާޓީގެ ފަރާތުން އެދިފައިވާ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ބަހުސް ތާވަލު ކޮށްފައިވާ އަންނަ ހުކުރު ދުވަހުގެ ރެއަކީ އެ ޕާޓީން މާލޭގައި ބޮޑު ޖަލްސާއެއް ބާއްވާ ރޭ ކަމަށެވެ. އެ ދުވަހު ބަހުސް ބާއްވާނަމަ ރައީސަށް ބައިވެރިވަޑައި ނުގަންނެވޭތީ، ބަހުސް ރީޝެޑިއުލް ކުރެވޭތޯ އެމްއެންޔޫއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްޑީޕީގެ މާލޭގެ ބޮޑު ޖަލްސާ އަކީ 1 ސެޕްޓެމްބަރަށް ރާވާފައި އޮތް އެއްޗެއް ކަމަށެވެ. އަދި ރައީސް ސޯލިހަށް އެންމެ މުހިއްމީ ރައްޔިތުން ގާތަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދެއްކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީން އެދޭ ގޮތަށް ބަހުސްގެ ތާރީހު ބަދަލުކޮށްފިނަމަ އެހެން ކެންޑިޑޭޓުންނަށް ކުރިމަތިވާނެ ދަތިތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން މާރިޔާ ވަނީ އެކަމުގައި އެމްޑީޕީން ކުރާނެ ކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

މާރިޔާ ވަނީ، ރައީސަށް ތާއީދުކުރާ ހުރިހާ ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.

ގައުމީ ޔުނިވާސިޓީ އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގުޅިގެން ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ 8 ކެންޑިޑޭޓުންނަށްވެސް ރިޔާސީ ބަހުސްގައި ބައިވެރި ވުމަށް ދައުވަތު ދެއްވާފައިވާއިރު ހުރިހާ ބޭފުޅުންވެސް ބަހުސްގައި ބައިވެރިވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މި ބަހުސްގައި ކެންޑިޑޭޓުންގެ ތަސައްވަރާއި ސިޔާސަތުތަކާއި ކުރިއަށް އޮތް ފަސް އަހަރާ މެދު ކެންޑިޑޭޓުންގެ އުންމީދުތައް ހުރި ނެތް ގޮތް ހާމަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.