އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ތަރުޖަމާން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފާޑުވިދާޅުވެއްޖެއެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ސޯލިހާއި މާރިޔާ މިހާރު ކުރައްވާ ކަމަކީ މުއިއްޒުގެ އަބުރަށް އަރައިގަތުން ކަމަށެވެ.

މާރިޔާ އާއި ރައީސް ސޯލިހަށް އިންޒާރު ދެއްވައި އަދުރޭ ވިދާޅުވީ، ނަމަ ނަމަ މުއިއްޒާއި އޭނާގެ އަނބިކަނބަލުންގެ އަބުރަށް ދެން އަރައި ނުގަތުމަށާއި އިދިކޮޅުން އެކަން ކުރަން ވެއްޖެނަމަ މާރިޔާ އާއި ރައީސް ސޯލިހުގެ އަބުރަށް ވެސް އަރައިގަނެވިދާނެ ކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުން މާރިޔާ އަށް ވެސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް އެއްގޮތަކަށް ވެސް ތިކަން ނުކުރައްވާށޭ. އަޅުގަނޑުމެންގެ ކެންޑިޑޭޓްގެ އަބުރު ކަތިލަން ދިމާ ނުކުރައްވާށޭ. އެކަން ކުރަން އަޅުގަނޑުމެން ކުރަން ވެއްޖެއްޔާ މާރިޔާ ވެސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް އަބުރަށް އަރައިގަނެވިދާނެ. ނަމަވެސް އަޅުގަނޑުމެން އެކަމެއް ނުކުރާނަން.
އަދުރޭ

އަދުރޭ ވަނީ ރަނގަޅަށް ވާހަކަ ދައްކާލަން ހަމަހަމަ ޕްލެޓްފޯމެއްގައި ޕޯޑިއަމް ކައިރިއަށް ވަޑައިގަތުމަށް ރައީސް ސޯލިހާއި މާރިއާއަށް ދައުވަތު ދެއްވާފައެވެ.

ވަޑައިގަންނަވާ މި ތަނުގައި ޕޯޑިއަމެއް ބަހައްޓައިގެން އަޅުގަނޑުމެންނާ އެކީގައި ވާހަކަ ދައްކާލަން. ކުދިކޮށް ކޮށާލާނަން ވާހަކައިން. ވައްކަން ކޮށްފައި ހުރި ވަރު ކިޔައިދޭނަން. ގައުމަށް ހިޔާނާތްތެރިވެފައިވާ ވަރު ކިޔައިދޭނަން. ދައުލަތުގެ ހަޒާނާ ދޮވެލިވަރު ކިޔައިދޭނަން
އަދުރޭ

އަދުރޭ ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރަން ދިވެހިން ބޭނުންވަނީ އިލްމީ، ގާބިލް، އަހުލާގު ރަނގަޅު އަދި އިސްލާމީ އަދަބުތަކަށް ލޯބިކުރާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، ރައީސް ސޯލިހުގެ ކިބައިގައި އެއިން އެއްވެސް ސިފައެއް ނެތް ކަމަށް ވިދާޅުވެ އަދުރޭ ވަނީ ފާޑުވިދާޅުވެފައެވެ.

އަދުރޭ ވިދާޅުވިގޮތުގައި ކެމްޕެއިނަށް އެކި ރަށްރަށަށް ވަޑައިގަތުމުން އިވެނީ މަޝްރޫއުތައް ނުފެށުމާއި ނުނިންމުމުގެ ހުސް ޝަކުވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރައީސް ސޯލިހު ރާއްޖެއަށް ގެނެސްދިން ތަރައްގީ އަކީ ވައްކަން ކުރުމުގެ ތަރައްގީ ކަމަށެވެ. ރައީސް ސޯލިހަކީ ރާއްޖޭގެ ތާރީހް ދުށް އެންމެ ބޮޑު ވަގު ކަމަށް އަދުރޭ ވިދާޅުވިއެވެެ. އަދި މާރިޔާއަކީ ގާނޫނަށް ކޮޅުފައިން އަރާފައި ހުންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ފާޑުކިޔުން އަމާޒު ކުރެއްވިއެވެ.

އަދުރޭ ވަނީ ސަރުކާރުން އުޅެނީ ރައީސް ޔާމީނާއި ޑރ. މުއިއްޒު ޖައްސަަން ކަމަށާއި އެކަން ނުވާނެކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، އިދިކޮޅުގެ ސަރުކާރެއް ހިންގާނީ ޔާމީންގެ ލަފައާއި މަޝްވަރާގެ މަތިން ކަމަށެވެ. އަދި މުއިއްޒުގެ ވެރިކަމުގައި އެންމެ އުފަލުން އެންމެ ފުރަތަމަ ކުރައްވާނެ އެއް ކަމަކީ ޔާމީން މިނިވަންކުރުން ކަމަށް ވެސް ވިދާޅުވިއެވެ.