ގައުމަށާއި، އަމިއްލަ ރަށަށާއި އަދި އަމިއްލަ މީހާ އަށް ފައިދާ ވާނެ ގޮތަކަށް ވިސްނައި ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.
ލ. އަތޮޅަށް މިހާރު ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މާބައިދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، އިންތިހާބެއް ކާމިޔާބުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އެންމެ ވޯޓެއްގެ ތަފާތަކުން ނަތީޖާ ބަދަލުވެގެން ދާނެ ކަމަށެވެ.
އެހެންކަމުން ކޮންމެ މީހަކު ވެސް ނުކުމެ ފަރުވާތެރިކަމާ އެކު ވޯޓު ލުން މުހިންމު ކަމަށާއި، ނޫނީ އެހެން ގޮތަކަށް ނަތީޖާ ބަދަލުވެގެން ދާނެ ކަމަށް ވިދާޅުވިއެވެ. އިންތިހާބަކީ ވޯޓު ލައި ގައުމުގެ ކުރިމަގާމެދު ގޮތް ނިންމަން ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ވިސްނަން ވާނީ ގައުމަށް ތިމާ އަށް ރަށަށް ފައިދާ ހުރި ގޮތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ ވީ ވައުދެއް ވިއްޔާ އެއްވެސް ތަފާތުކުރުމެއް ނެތި ރަށްރަށަށް ވައުދުތައް ފުއްދައިދެމުންނެވެ. ރަށްރަށުގައި ތަފާތުކުރުމެއް ނުގެންގުޅެއްވާނެ ކަމުގެ ޔަގީންކަން މިއަދު ވެސް ރައީސް ދެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި، ކުރިއަށް އޮތް ދައުރުގައި މާބައިދު އަށް ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާކުރެއްވިއެވެ. އެގޮތުން:
- އެ ރަށުގެ ހެލްތު ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހިދުމަތްތައް އިތުރުކުރުން
- ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން
- ސްކޫލަށް ބޭނުންވާ މަލްޓިޕާޕަސް ހޯލާއި ވަސީލަތްތައް ގާއިމްކޮށްދޭނަން
- ރަށުގައި މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން
- ޒުވާނުންނަށް އިންޑޯ ޖިމަކާއި ޔޫތު ސެންޓަރެއް އިމާރާތްކުރުން
ލ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށާއި، ބޭނުންފުޅުވަނީ އެ އަތޮޅަށް އިންވެސްޓްމެންޓުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެ އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ފަށްޓަވާނެ ކަމަށާއި އެކަމުގެ ސަބަބުން އެ އަތޮޅު ބޮޑުތަނުން ކުރިއަރައި ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.