ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނާނީ ދިވެހިންނަށް މިނިވަންކަމާ އެކު އުޅެވޭނެ ގޮތް ހަދައިދިނުމުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި މުންޑު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ހުރިހާ ދިވެހިން ވެސް ބޭނުންވަނީ ރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ.

ގައުމެއް ގައުމަކަށް ވަނީ ރައްޔިތުންނަށް މިނިވަންކަމާ އެކީގައި އުޅެވޭނެ ގޮތް އެ ގައުމެއްގެ ސަރުކާރަކުން ހަދައިދިނުމުން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި އޮންނާނީ ދިވެހިންނަށް އެ ފުރުސަތު ސަރުކާރުން ތަނަވަސް ކޮށްދިނުމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އެއީއެވެ.

ރާއްޖެ އަކީ މިނިވަން ގައުމެއް ކަމަށް އަޑަށް ބާރު ލާފައި ބުނެވިދާނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށް މިނިވަންކަމާ އެކު އުޅެވޭނެ ފުރުސަތު ހޯދައިނުދެވޭ ހިނދެއްގައި ރާއްޖެ ހަގީގީ މިނިވަން ގައުމެއްގެ ގޮތުގައި ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބައެއް އެހެން ގައުމުތަކުގައި ދާހިލީ ހަނގުރާމަތައް ހިނގަމުން ދަނީ ރައްޔިތުންގެ މެދުގައި ތަފާތުކުރަމުން ދާތީ ކަމަށާއި، އެ ގައުމުތަކާ އަޅާ ބަލާއިރު ހުންނަ ތަފާތުތަކެއް ރާއްޖޭގައި ނެތް ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުތަކުން އާންމުންނާ މެދު ތަފާތުކުރުން ގެންގުޅެފައި އެބަހުރި ކަމަށާއި، މި ސަރުކާރުގެ މަގްސަދަކީ އެ ތަފާތުތައް ނައްތާލުން ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

މުންޑޫ އަކީ އާބާދީގެ ގޮތުން ކުޑަ ރަށެއް ކަމުގައި ވިޔަސް، މި ސަރުކާރުން މުންޑޫގެ ރައްޔިތުން ބާކީނުކުރާނެ ކަމުގެ ޔަގީންކަން ދެއްވައި ރައީސް ވަނީ ކުރިއަށް އޮތް ދައުރަށް ހޮވިއްޖެނަމަ އެ ރަށުގެ ބަނދަރު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަށާއި ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް އެ ރަށުގައި އަޅައިދިނުމަށް ވައުދު ވެވަޑައިގެންފައެވެ.