ލ. ގަމަށް ބޮޑެތި ބަދަލުތައް ގެނެސް، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އެ ރަށް އާބަން ސެންޓަރަކަށް ބަދަލު ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގަމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ލ. އަތޮޅުގައި ތަރައްގީގެ އެތައް މަޝްރޫއެއް ހިންގެން އެބައޮތް ކަމަށާއި، އެ އަތޮޅު ބޮޑުކޮށް ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އެގޮތުން ގަމާއި ފޮނަދު އަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް، ގަމުގައި ޓާޝަރީ ހޮސްޕިޓަލަކާއި ކެންސަރު ބައްޔަށް ފަރުވާކުރަން ހާއްސަ ހޮސްޕިޓަލެއް އިމާރާތް ކުރުމަށް ސަރުކާރުން ވިސްނި ނަމަވެސް، ކޮވިޑް-19 ގެ ސަބަބުން އެ މަޝްރޫއުތައް ފަށަން ލަސެވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވިޔަސް ވެސް އަދިވެސް އެ ވިސްނުންފުޅު ބަދަލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އަމާޒަކީ ވަސީލަތްތައް ގެނެސް ގަން އާބަން ސެންޓަރަކަށް ހަދައިދީ، 25 ހާސް މީހުންގެ އާބާދީއަކަށް އެ ރަށް ބަދަލުކުރުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގަން އާބަން ސެންޓަރަކަށް ހެދޭނީ ބޯހިޔާވަހިކަމާއި ތައުލީމާއި ދަތުރުފަތުރުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ގަން އާބަން ސެންޓަރަކަށް ހަދަން ބޭނުންވަނީ:

  • ގަމުގައި ބޯހިޔާވަހިކަން އިތުރުކުރުމަށް ބޭނުންވަނީ އެ ރަށަށް މީހުން ހިޖުރަކުރުވަން ޝައުގުވެރިކަން އުފެދޭނެ ފަދަ ކަންކަން ތަރައްގީކުރުން
  • ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ކުރުން
  • ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުން

މިއާ އެކު ގަމަށް ރައީސް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންފި ނަމަ ކޮށްދެއްވާނެ ބައެއް ކަންކަން ހިއްސާ ކުރައްވައިފައެވެ. އެގޮތުން:

  • ގަމުގެ ރައްޔިތުންނަށާއި ރަށުން ބޭެރު ރައްޔިތުންނަށް އަމާޒުކޮށް 5،000 ހައުސިން ޔުނިޓު އިމާރާތްކުރުން
  • ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭ ކައްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުން
  • ސްޕޯޓްސް ޓޫރިޒަމް ތަރައްގީކުރުމަށް، އިންޑޯ ވޮލީކޯޓަކާއި ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ސްވިމިން ޓްރެކެއް ހަދައިދީ އެ ތަންތަން ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުން

އޭރުން އާ ވަޒީފާގެ ފުރުސަތު ތަނަވަސްވެ، ގަމުގެ ރައްޔިތުންނަށާއި ގަމަށް ބަދަލުވާން އެދޭ ރައްޔިތުންނަށް އެ ރަށް އޮންނާނީ ފައްކާވެފައި ކަމަށާއި، ކުރިއަށް އޮތް 10 އަހަރުގެ ތެރޭ ގަން އާބަން ސެންޓަރަކަށް ބަދަލުވެގެން ދާނެ ކަމަށެވެ.