ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައި ދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ފުލުހުން ނިންމައިފިއެވެ.
އެކަމާ ގުޅިގެން ފުލުހުން ބުނީ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ފޮނުވި ސިޓީގައި މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތު ކޮށްފައި ވީ ނަމަވެސް ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފެށުމަށް ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނުވާތީ، ޖިނާއީ މައްސަލައެއް ރަޖިސްޓަރީ ކުރެވިދާނެ ކަމަށް ނުފެންނަ ކަމަށް ސިޓީ އަކުން މަޖިލީހަށް އަންގާފައި ވާނެ ކަމަށެވެ.
އެފަދަ މައުލޫމާތު ހުރި ނަމަ ރިޝްވަތުގެ މައްސަލަ ތަހުގީގު ކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށް ވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭސީސީއިން އެފަދަ ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ މައްސަލައަކީ ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީސް މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުގައި ރިޝްވަތުގެ އަމަލު ހިމެނޭ ކަމަށް ތުހުމަތު ކުރެވޭތީ, މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހަށް ހުށަހެޅުއްވި މައްސަލައެކެވެ.
ނަޝީދު އެ މައްސަލަ ހުށަހެޅުއްވިއިރު އެ މަނިކުފާނު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރުމަށްފަހު އެ ޕާޓީއިން ވަކިވެ އަލުން އެމްޑީޕީއަށް މެންބަރުންތަކެއް ގުޅިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބަލާއިރު ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މަޖިލީހުގެ 13 މެންބަރަކު ޑިމޮކްރެޓްސް އަށް ސޮއިކުރައްފައިވީ ނަމަވެސް މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް މިހާތަނަށް ހުށަހަޅުއްވާފައި ވަނީ ތިން މެންބަރުންނެވެ.
މެންބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންދަވަނީ ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށާއި އެކަމުން ވާނެ މޮޅެއް ނޯންނަވާނެ ކަމަށެވެ. ވިއްޔާ ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިންޒާރު ދެއްވާފައެވެ. ނަމަވެސް ރިޝްވަތުގެ ގޮތުގައި އެ މެންބަރުންނަށް ހުށަހެޅީ ކޯއްޗެއް ކަމެއް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.