އަންނަން އޮތް ޖީލުތަކަށް ރާއްޖެ ދެމި އޮންނާނެ ކަމަށާއި، އަންނަ ކޮންމެ ސަރުކާރަކުން މަޝްރޫއުތައް ހިންގަން ވާނީ ގިނަ ދުވަހަށް ދެމިގެންދާ ގޮތަކަށް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ލ. ކަލައިދޫގެ އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ކޮންމެ ސަރުކާރެއް އަޔަސް ވެސް މަޝްރޫއުތައް ހިންގައި، މަސައްކަތް ކުރަން ވާނީ ފަސް އަހަރުގެ ދައުރަކަށް ބަލައިގެން ނޫން ކަމަށާއި، މަޝްރޫއުތައް ހިންގަން ވާނީ ގިނަ އަހަރުތަކެއް ވަންދެން ދެމިގެންދާ ފަދަ ގޮތަކަށް ކަމަށެވެ.

ހަމަ އެއާއެކު، ކުރު މުއްދަތެއްގައި އަބަދު ކަރަންޓު ނެޓްވޯކުތައް ބަދަލުކޮށް މަގުތައް މަރާމާތުކޮށް ހެދުމަކީ އެންމެ ރަނގަޅު ސިޔާސަތު ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ސަރުކާރަކުން އަޔަސް ވެސް ތަރައްގީކުރާ މަގުތަކަށާއި ބަނދަރުތަކަށް ގިނަ ދުވަސް ވަމުންދާ ވަރަކަށް ބަދަލުތައް އަންނާނެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތްކުރަން ވާނީ ދެމެހެއްޓެނިވި ގޮތެއްގައި، ގިނަ ދުވަހަށް މަޝްރޫއުތައް ދެމިގެންދާ ސިޔާސަތެއްގެ ދަށުންނެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުން ފައިސާ ހަރަދުކުރަން ވާނީ އެންމެ ހެޔޮ ގޮތުގައި، ރައްޔިތުންނަށްޓަކައި ކަމަށެވެ.

މިއާ އެކު، އަންނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ކަލައިދު އަށް ކޮށްދެއްވާނެ ބައެއް ކަންކަން ރައީސް ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެ ރަށުގެ ބޯހިޔާވަހިކަމަށް ހައްލެއް ގެނައުމަށް ހައުސިން މަޝްރޫއެއް ތައާރަފްކުރުން
  • މޫދަށް އެރުމަށް ހާއްސަ ޓްރެކަކާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުން

ހަމަ އެއާއެކު، ލ. އަތޮޅަށް އެއާޕޯޓެއް އިތުރުކުރައްވާނެ ކަމަށް، އިސްދޫގައި ދެއްކެވި ވާހަކަފުޅު ރައީސް ތަކުރާރުކުރެއްވިއެވެ.

ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ދޭ ވޯޓު ބޭކާރުވެގެން ނުދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.