އިދިކޮޅު ފަރާތްތަކުން ކަންކަން ކުރަމުން ދަނީ އޮޅުވާލުމުގެ އުސޫލުން ކަމަށް ވިދާޅުވެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އިސްދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް މެޖޯރިޓީ ދީ، އެއްބުރުން އިންތިހާބު ނިންމުމަށް އަމާޒު ހިފާފައިވާ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ، އިންތިހާބަށް އެންމެ ފަހު ދެ ތިން ދުވަހަށް ވެފައި ވަނިކޮށް، ޔާމީންގެ ސަރުކާރުން ވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުގެ ނަން ބޯޑުތައް ހޮސްޕިޓަލަށް ބަދަލުކޮށް، ހިދުމަތްދޭ ގަޑިތައް ބަދަލުކުރަމުން ދިޔަ ކަމަށާއި، އެކަމަކު އޭރު އެ ތަންތަނުގައި މުވައްޒަފުންނާއި ވަސީލަތްތައް ހަމަނުވާ ކަމަށެވެ.

"މީހުނެއް ނެތް، ވަސީލަތެއް ނެތް، އެ ހުރިހާ އުނދަގުލެއް އަޅުގަނޑުމެން ތަހައްމަލުކުރަން ޖެހުނު،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވައުދު ވަނީ ރައްޔިތުންނަށް ހިދުމަތްކުރެއްވުން ނޫން އެހެން ނިޔަތެއްގައި ނޫން ކަމަށާއި، ވައުދުތައް ފުއްދޭނީ އެކަމުގެ ތަޖުރިބާ ހުރި، ކަން ކޮށްފައި ތިބި ބަޔަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ތަކުރާރުކޮށް ދެއްވީ، ތަފާތުކުރުމެއް ނެތި، ހުރިހާ ރަށަކަށް ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަމެވެ.

ކޮވިޑް-19 ގެ ދުވަސްވަރުގެ ބައެއް ކަންކަމުން މިސާލު ނަންގަވައި އެމަނިކުފާނު ވިދާޅުވީ، ކޮވިޑުން ސަލާމަތްވުމުގެ ގޮތުން ޖަހާ ވެކްސިން ނުޖެހުމަށް އިދިކޮޅުން ބުނަމުން ގެންދިޔަ ކަމަށާއި، ނަމަވެސް އިދިކޮޅު ފަރާތްތަކުން ސިއްރުން ވެކްސިން ޖަހާފައިވާ ކަމަށެވެ. މި މޭރުމުން އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވި ގޮތުުގައި، އިދިކޮޅުން މަސައްކަތްކުރަނީ ސިއްރުން އޮޅުވާލައިގެންނެވެ.

އޮޅުވާލައިގެން ނޫނިއްޔާ އިދިކޮޅުން އެއްވެސް ކަމެއް ކުރާކަށް ނޭނގޭނެ ކަމަށް ވިދާޅުވެ، ރައީސް ވަނީ އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭގެ ބަދަލުގައި ސަރުކާރުން ކަންކަން ކުރަމުން ދިޔައީ ހާމައަށް ކަމަށާއި، އެގޮތުން ކޮވިޑުގެ ދުވަސްވަރު ސަރުކާރުން ކުރި ހުރިހާ ހަރަދެއްގެ ތަފްސީލު ރައްޔިތުންގެ މަޖިލީހަށް ކޮންމެ ދެ ހަފްތާއަކުން ފޮނުވަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮޅުވާލައިގެން އޭގެ ނާޖާއިޒު ފައިދާ އެއް ނަގާފައެއް ނޯންނާނެ،" ރައީސް ވިދާޅުވިއެވެ.

ވާހަކަފުޅު މި ހިސާބަށް ކުރިއަށް ގެންދެވުމަށް ފަހު، އިސްދު އަށް ކޮށްދެއްވާނެ ބައެއް ކަންކަމުގެ ތަފްސީލް ރައީސް ހިއްސާކުރެއްވިއެވެ. އެގޮތުން:

  • އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހައުސިން ޕްރޮޖެކްޓެއް ފެށުން
  • ލ. އަތޮޅުގެ ޓޫރިޒަމް ތަރައްގީކުުރުމަށް ސިޓީ ހޮޓަލެއް އިމާރާތްކުރުން
  • އިސްދޫގެ ބޮޑެތި މަގުތަކުގައި ތާރު އެޅުން
  • އާޓިފިޝަލް ބީޗެއް ތަރައްގީކުރުން
  • އެ ރަށުގެ ސިއްހީ މަރުކަޒަށް އިތުރު ވަސީލަތްތައް ގެނެސްދީ ހޮސްޕިޓަލެއްގެ ފެންވަރަށް ތަރައްގީކުރުން

ހަމަ އެއާއެކު، ލ. އަތޮޅަށް އެއާޕޯޓެއް އިތުރުކުރުމާ މެދު ވިސްނަވަމުން ގެންދަވާ ކަމަށާއި، އެއާޕޯޓު ތަރައްގީކުރާ ސަރަހައްދު ފައިނަލްވުމުން ގޮތެއް ނިންމަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.