ތ. ގާދިއްފުށި އިންޖީނުގޭގެ އާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ކުރައްވި ދަތުރުފުޅުގައި ގާދިއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ ގާދިއްފުށީގައި ކުރިން ބޭނުންކުރި އިންޖީނުގޭގެ އޮފީސް އިމާރާތަށް 21 އަހަރު ވެފައިވާ ކަމަށާއި ކުރިން އޮފީސް ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި ހުރި ނަމަވެސް އަލަށް ހުޅުވި އާ އޮފީސް އިމާރާތް ހުންނާނީ މިހާރު މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ކުރިން އިންޖީނުގޭގެ އޮފީހުގައި 6 މުވައްޒަފުން މަސައްކަތް ކުރި ނަމަވެސް މިހާރު 30 މުވައްޒަފުން މި އޮފީސް އިމާރާތުގައި މަސައްކަތްކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ. ފެނަކައިން ބުނީ، ކުރީގެ އޮފީސް އިމަރާތުގައި 226.8 އަކަފޫޓު ހުރިއިރު މިހާރު ހެދި އިމާރާތުގައި 636.9 އަކަ ފޫޓު ހުންނާނެ ކަމަށެވެ.

ކުރިން ހުރި އޮފީސް އިމާރާތުގައި ފާހަނަ، މެނޭޖާ ރޫމް، ވެއިޓިންގް އޭރިޔާ ހިމެނެއެވެ. އެހެންނަމަވެސް މިހާރު ހުޅުވި އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް، ގެސްޓްރޫމް، ސްޓޯ ހިމެނެއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގިނަ ރަށްރަށުގެ މަޝްރޫއުތައް އަންނަނީ ހުޅުވައިދެއްވަމުންނެވެ. އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްގެންގޮސްފައެވެ.