ފްރާންސްގެ ސަރުކާރު ސްކޫލުތަކުގައި އަބާޔާ ލައިގެން ކިޔަވަން ދިޔުން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.

ފްރާންސުގެ އިދާރާތަކުން ބުނާގޮތުގައި މި ފިޔަވަޅު އެޅީ، ނަސޯރާ ދީނުގެ ޝިއާރުތައް ފާޅުކުރުން މަނާކޮށް ސަރުކާރު ސްކޫލުތަކުގައި އަމަލުކުރުމަށް 19 ވަނަ ގަރުނުގައި އެކުލަވާލި ގާނޫނާއެކު އެކަން ހުއްޓިފައި އޮއްވައި ފްރާންސުގައި މުސްލިމުންގެ އާބާދީ އިތުރުވަމުން އަންނަ އިރު މުސްލިމް އަންހެނުން ބުރުގާ އެޅުމާއި އަބާޔާ ލުންފަދަ ކަންކަމަކީވެސް އެ މިންގަނޑަށް ފެތޭ ކަމެއް ކަމަށް ބަލާފައެވެ.

ފްރާންސްގައި ސޮލީބާއި، ބުރުގާ އަޅައިގެން ސްކޫލުތަކަށް ދިޔުމަކީ މަނާކޮށްފައި އޮންނަ ކަމެކެވެ. އެގޮތުން 2004 ގައި ބުރުގާ އެޅުން މަނާ ކުރުމަށް ފަހު 2010 ގައި ފާސްކުރީ އާންމު ތަންތާނގައި މޫނުބުރުގާ އަޅައިގެން އުޅުމެވެ.

5 މިލިއަން މުސްލިމުން ދިރިއުޅޭ ފްރާންސުގައި އެޅި މިފިޔަވަޅު އިއުލާން ކުރަމުން އެގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ގެބްރިއަލް އައްޓާލް ބުނީ، ދަރިވަރު ކްލާސް ރޫމަށް ވަންނަ އިރު ހެދުން އަޅާފައި ހުންނަ ގޮތަކުން އޭނާގެ ދީނަކީ ކޮބައިކަން ނޭނގޭނެ ކަމަށެވެ.

ފްރާންސްގައި މިފިޔަވަޅު މި އެޅީ، ބުރުގާ މަނާކޮށް އަދި އަބަޔާފަދަ މުސްލިމް ހެދުން މަނާ ކުރުމަށް ކަނާއަތު ފިޔައިގެ މީހުންނާއި ވާއަތުފިޔައިގެ މީހުންނާ ދެމެދު އެތައް މަހެއް ވީ ދިގު ބަހުސްތަކަކަށް ފަހުއެވެ. ވާއަތުފިޔައިގެ މީހުން ވަކާލާތު ކުރަމުން ގެންދިޔައީ، މުސްލިމުންނަށް ހެދުން އެޅުމަށް ވަކިގޮތަކަށް މަޖުބޫރު ކުރުވުމަކީ މިނިވަންކަމާއި ކަރާމާތަށް އަަރައިގަތުން ކަމަށެވެ.

މި މައްސަލައިގައި ފްރާންސުގެ ކައުންސިލް އޮފް މުސްލިމް ފެއިތް (ސީއެފްސީއެމް) ގައި ހިމެނޭ ޖަމްއިއްޔާތަކުން ބުނީ، މީހާ ލާ ހެދުމަކީ ދީނީ ރަމްޒެއް ނޫން ކަމަށެވެ.