ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 2 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަންފައި ވަނީ މިދިޔަ ހޯމަ ދުވަހު ކުރިއާ ސާވިސް މެދުވެރިކޮށް މެލޭޝިއާ އިން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތެއްގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން ބަލާ ފާސްކުރެވުނު ޕެކޭޖްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، އެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 1628 ގްރާމް ހުރިއިރު މި ތަކެތީގެ އަގު 2 މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ވަނީ ލަފާކޮށްފައެވެ.

ކަސްޓަމްސް އިން އިތުރަށް ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކުރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަންނަނީ އަތުލައިގަންނަމުންނެވެ. އެގޮތުން ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި (1040 ގުރާމްގެ މެފެޑްރޯން) ކަސްޓަމްސް އިން ވަނީ މިދިޔަ އޭޕްރީލް މަހު ވެސް އަތުލައިގެންފައެވެ.