ކޮވިޑް-19 ގެ ދުވަސްވަރު ސަރުކާރުން ދަރަންޏަށް ފައިސާ ނެގީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްޓަކައި ކަމަށާއި، ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކިނބިދު އަށް ވަޑައިގެން ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސަރުކާރުން ދަރަންޏަށް ފައިސާ ނެގީ 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން، އެ އަހަރު މުޅި ދުނިޔެ އަށް ކުރިމަތިވި މާލީ ދަތި ދުވަސްވަރު އަމަލުކުރި ގޮތަށް ބަލައި ކުރެވުނު ތަޖުރިބާ އަށް ބެލުމަށް ފަހު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުން ނަމަ، ކޮވިޑުގެ ދުވަސްވަރު ސަރުކާރަށް ދެ ގޮތެއް އޮތެވެ؛ އެއީ މުވައްޒަފުން މަދުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކުރުން ކަމަށެވެ. އަނެއް ގޮތަކީ ލޯނު ނަގައިގެން ހަރަދު ބަރަދު ކުރުމެވެ.

ރައީސް ވިދާޅުވި ގޮތުގައި، ބޭރު ގައުމުތަކުން ލޯނު ނުނެގުނު ނަމަ، މިއަދު ރަށްރަށުން ފެންނަ ބަނދަރުތަކާއި އިންޖީނުގެތަކާއި ނަރުދަމާ އާއި ފެނުގެ ނިޒާމުތައް އެޅި ގާއިމްކުރެވިފައި ވަނީ ސަރުކާރުން ނެގި ލޯނުތަކުގެ ސަބަބުންނެވެ.

"އަޅުގަނޑު ހިތުން މިއޮތީ ބިންގަލެއް އެޅިފަ، ދެން ދާންވީ ކުރިއަށް،" ސަރުކާރުން މިހާތަނަށް ނެގި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެއްވައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރާ ވާދަވެރި ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން ނަމަ، ރާއްޖޭގެ ދަރަނި 120 ބިލިއަން ރުފިޔާ އަށް ވުރެ އިތުރުވުން އެކަށީގެންވެއެވެ. ހަމަ އެއާއެކު ސަރުކާރު ބަނގުރޫޓުވެފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތަކުރާރުކޮށް މީގެ ކުރިން އެ ވާހަކަފުޅު ދައްކަވާފައިވެއެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، އިދިކޮޅުގެ ވާހަކަތަށް ހުރީ މިފަދައިން ކަމަށް ވިޔަސް އިދިކޮޅުން ވައުދުވަމުން ދަނީ ދައުލަތަށް އާމްދަނީ ލިބޭނެކަން އެނގޭތީ ކަމަށެވެ. ތިމަން މަނިކުފާނު ވެސް ވައުދުވެވަޑައިގަންނަވަނީ ދައުލަތަށް އާމްދަނީ ލިބޭނެކަން އެނގިލައްވާތީ ކަމަށާއި އާމްދަނީ ހޯދަން އެނގިލައްވާތީ ކަމަށެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކުރައްވައި ރައީސް ވަނީ ކުރިއަށް އޮތް އިންތިހާބުގައި އެމަނިކުފާނަށް ވޯޓުދެއްވުމަށް ކިނބިދޫގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.