ތ.ދިޔަމިގިލި އިންޖީނުގޭގެ އާ އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސޯލިހު އެ އިމާރާތް ހުޅުވައިދެއްވީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. އަތޮޅަށް ކުރައްވި ދަތުރުފުޅުގައި ދިޔަމިގިލިއަށް ކުރެއްވި ޒިޔާރަތުގައެވެ.

ފެނަކައިން ބުނީ ދިޔަމިގިލި ކުރިން ބޭނުންކުރި އިންޖީނުގޭގެ އޮފީސް އިމާރާތަށް 19 އަހަރު ވެފައިވާ ކަމަށާއި އެތަނުގައި ހުރީ 2175 އަކަފޫޓު ކަމަށެވެ. މިހާރު ހެދި އިމާރާތުގައި 1617 އަކަ ފޫޓު ހިމެނޭއިރު 30 މުވައްޒަފުން މި އޮފީސް އިމާރާތުގައި މަސައްކަތްކުރަމުންދާ ކަމަށް ފެނަކައިން ބުނެއެވެ.

ކުރިން ހުރި އޮފީސް އިމާރާތުގައި ސްޓޯ، ފާހަނަ، ސްޓާފް އޭރިއާ ހިމެނެއެވެ. އެހެންނަމަވެސް މިހާރު ހުޅުވި އިމާރާތުގައި ރިސެޕްޝަން، ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް، ގެސްޓްރޫމް، ސްޓޯ އަދި ޓެކްނިކަލް ސްޓާފް ރޫމް ހިމެނެއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގައި ގިނަ ރަށްރަށުގެ މަޝްރޫއުތައް އަންނަނީ ހުޅުވައިދެއްވަމުންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ވަނީ އަތޮޅުތަކުގެ ރަށްރަށުގައި އުމުރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް ކުރިއަށްގެންގޮސްފައެވެ.