ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ ކަމަށާއި ހާލު ރަނގަޅުކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަން އިއްޔެ ފުލުހުން އިއުލާން ކުރި، ހއ. ބާރަށް / ސައިނިންސްޓާ، މުހައްމަދު ތައުފީގް (35އ) ފެނިފައި ވާ އިރު މިއަދު ހެނދުނުވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. އަދި ދާދި ދެންމެއަކު ފުލުހުން ބުނީ އޭނާ މިހާރު ފެނިފައިވާ ކަަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އޭނާ ފެނުނު ވަކި ތަނެއްގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައި ނުވާއިރު މީގެ ކުރިން އޭނާގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އެންމެ ފަހުން ތައުފީގް ފެނިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުގެ 11:00 ހައިރު ހުޅުމާލެ ފޭސް 2 ގައި އޭނާ ދިރިއުޅެމުންދާ އެޕާޓްމަންޓުން ކަމަށެވެ.

އަދި އޭރު އޭނާ ލައިގެން ހުރީ ގޮޅިޖެހި ރަތްކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖީންސެއް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.

"ދަ ޕްރެސް" އަށް އެނގިފައިވާ ގޮތުން އޭނާ ފެނިފައިވަނީ ނޭޝަނަލް ޑްރަގް އެޖަންސީ (އެންޑީއޭ)އަށް ފަރުވާ ހޯދުމަށް ގޮސް ހުއްޓައެވެ. އޭނާއަކީ އެތަނުން ފަރުވާ ހޯދަމުންދާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި މީހުން ގެއްލިގެން ހޯދާ މައްސަލަ ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނައިރު ބައެއް މީހުން މިހާތަނަށްވެސް ފެނިފައި ނުވެއެވެ. އަދި މިމަހު ކުރީކޮޅު ކުޑަ އަންހެން ކުއްޖަކު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ފުލުހުންގެ އެހީތެރިކަމާއެކު ހޯދާފައިވެއެވެ.