ރާއްޖެ އަށް ތަރައްގީ ގެނެވޭނީ އަސާސީ ހިދުމަތް ފުރަތަމަ ފޯރުކޮށްދެވިގެން ކަމަށާއި، މި ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއް އޮންނާނީ މީހުން ދިރިއުޅެވޭ ވަރަށް ފައްކާވެފައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ތ. ދިޔަމިގިއްޔަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު އެމަނިކުފާނު ރައީސް ކަމަށް އިންތިހާބުވުމުގެ ކުރިން އެ ރަށަށް ވަޑައިގެން ވައުދުތަކެއް ވެވަޑައިގެންނެވި ކަމަށާއި، ދައުރު ނިމުމުގެ ކުރިން އެ ރަށަށްވީ ހުރިހާ ވައުދުތަކެއް ފުއްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ދިޔަމިގިލީގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، އެ ތަން ވަށައި ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ރަނގަޅު ދިރިއުޅުމެއް ރައްޔިތުންނަށް ފެށޭނީ އަސާސީ ހިދުމަތްތައް ކަމަށްވާ ތައުލީމާއި ސިއްހަތާއި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިގެންނެވެ. ސަރުކާރުން އެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ މި ދައުރު ނިމުމުގެ ކުރިން ހުރިހާ ރަށެއް އޮންނާނީ މީހުންނަށް ދިރިއުޅެވޭ ވަރަށް ފައްކާވެފައި ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުކޮށްދީފި ނަމަ، އެ ރަށަށް ކޮށްދެއްވާނެ ބައެއް ކަންކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން:
- ދިޔަމިގިއްޔާ ކައިރީގައި އޮތް މެދުފުށްޓާ ގުޅާލައި ބިން ހިއްކުން
- މަޑިފުށްޓާއި ދިޔަމިގިއްޔާ ކޯޒްވޭއަކުން ގުޅާލުން
އެމަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރާއްޖެ އަށް ބޮޑު ބަދަލެއް ގެނައުމުގެ މަގްސަދުގައި ކަމަށެވެ. އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރު އައުމުގެ ކުރިން ރާއްޖޭގެ އިގްތިސޯދު ދެގުނަވެ، އާންމުންގެ ޖީބަށް ފައިސާ ވަންނަ އަދަދު އިތުރުވެގެން ދާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ތަކުރާރުކުރެއްވިއެވެ.