ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި، އަމާޒަކީ ރާއްޖެ އަށް ފަސް މިލިއަން ފަތުރުވެރިން ގެނައުން ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ތ. ވިލުފުށީގައި ބޭއްވި ޖަގަހަ ބައްދަލުވުމުގައި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު މާލޭގެ މޭޔަރު އަދި ވާދަވެރި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަފުޅަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އެއްވެސް ރަށަކުން ޕީޕީއެމްގެ ކުލަ އެއް ދިދަ އެއް ފެންނަން ނެތް ކަމަށާއި، މުއިއްޒު ޓިކެޓު ހޯއްދެވީ އޮޅުވާލައްވައިގެން ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާ ގުޅުވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، އަފީފް އެމްޑީޕީ ދޫކުރައްވައި ވަޑައިގަތީ ޕާޓީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި ކަމަށެވެ. އަފީފްގެ އަރިހުން ރައީސް އެދިވަޑައިގަތީ ވިސްނާވަޑައިގަތުމަށް ފަހު އަލުން އެމްޑީޕީ އާ ގުޅިވަޑައިގަތުމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އަފީފާއި އެމްޑީޕީން ވަކިވެވަޑައިގަތް ބޭފުޅުންނަކީ އެމްޑީޕީ އަށް އެތަކެއް ހިދުމަތެއް ކޮށްދެއްވި ބޭފުޅުންތަކެއް ކަމަށާއި، އަބަދު ވެސް އެމްޑީޕީ އެ ބޭފުޅުންނަށް ހުޅުވިފައިވާ ކަމަށެވެ.

"އަޅުގަނޑު [އަފީފަށް] ދަންނަވާނީ ވަޑައިގަންނަވާށޭ، އަޅުގަނޑުމެންނާ އެކީގައޭ ވީ މުސްތަގުބަލު،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި އެތެރޭގެ އުދުހުންތަކާއި މައި އެއާޕޯޓުތައް ތަރައްގީކޮށް، އާރުޓީއެލް ފެރީގެ ހިދުމަތް ތައާރަފްކުރުން ފަދަ އެތަކެއް ހިދުމަތެއް ސަރުކާރުން ކޮށްދެމުންދާ ކަމަށެވެ. އޭގެ ތެރެއިން ރައީސް ފާހަގަކުރެއްވީ، ވެލާނާ އެއާޕޯޓު ބޮޑުކޮށް، އައްޑޫ އެއާޕޯޓާއި ހަނިމާދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.

އެހެންކަމުން، 2028 އަންނަ އިރު އަމާޒަކީ ތިން މިލިއަން ފަތުރުވެރިން ކަޑައްތުކޮށް ފަސް މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ ކުރިން ހަރަދުނުކުރާ ވަރަށް ފަތުރުވެރިކަން ބޭރު ގައުމުތަކުގައި މާކެޓުކުރުމަށް ސަރުކާރުން ހަރަދުކުރާ ކަމަށާއި، އެގޮތުން މިހާރު އެކަމަށް 10 މިލިއަން ޑޮލަރު އަހަރަކު ހަރަދުކުރާއިރު އެ އަދަދު 15 މިލިއަން ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ފަތުރުވެރިން ރާއްޖެ އަށް އަންނަ އަދަދު އިތުރުކޮށް، އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ވަސީލަތްތަކާއި އެނދު އިތުރުކޮށްދިނުން ކަމަށެވެ. އެއާއެކު ރާއްޖޭގެ އިގްތިސޯދު ތަރައްގީކޮށް، ދެ ގުނަ ކުރުމަކީ ސަރުކާރުގެ އަމާޒުކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވިއެވެ.

ނަތީޖާ އަކަށް ވާނީ އެތަކެއް ވަޒީފާ އެއް އުފެދި ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަ އަދަދު އިތުރުވެ، ދައުލަތަށް ޓެކުހުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވުން ކަމަށާއި، އެއާ ވިދިގެން ދައުލަތުގެ އާމްދަނީ 50 ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދިއުން ކަމަށެވެ.

އެމްޑީޕީގެ ތަސައްވުރުގައި ކުލަ ޖެހެމުންދާ ކަމަށް ވިދާޅުވެ ރައީސް އެދިވަޑައިގަތީ އެމަނިކުފާނަށް ވޯޓު ދެއްވުމަށެވެ.