ސައުދީ އާއި ގަތަރު އަދި ޔޫއޭއީ ގުޅޭ ސަރަހައްދީ އިމުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް ހަދައިދޭން ޗައިނާއިން ހުށަހެޅި ހުށަހެޅުން ސައުދީން ކުރިއަށް ގެންދަން ނިންމާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ރިޕޯޓް ކޮށްފިއެވެ.
ޗައިނާގެ ނުފޫޒު މެދުއިރުމަތީގައި ފުޅާވަމުން އަންނަ މި ދަނޑިވަޅުގައި ސައުދީގައި ނިއުކްލިއާ ޕްލާންޓެއް ހަދައިދޭން ޗައިނާއިން ހުށަހެޅުމުން އެމެރިކާއިން ވަނީ ނުތަނަވަސްކަން ފާޅުކޮށްފައެވެ.
އެކަން އެހެން އޮތް ނަމަވެސް، އެ މަޝްރޫއު ކުރިއަށް ގެންދަން ސައުދީން ވިސްނާ ކަމަށްވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އެ ނޫހުން ބުނީ، ޗައިނާގެ އެ ހުށަހެޅުމާއެކު ސައުދީގައި ނިއުކްލިއާ ޕްލާންޓެއް ގާއިމު ކުރުމާ މެދު އެމެރިކާއިން ގެންގުޅޭ ފިއްތުންތައް ނުވަތަ ގެންގުޅޭ ސިޔާސަތަށް ދޫދީ، ޔޫރޭނިއަމް ފައްކާ ކުރުމާއި ރައްކާކޮށްފައި ބެހެއްޓުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށް ސައުދީ އޮފިޝަލުން އުއްމީދު ކުރައްވާ ކަމަށެވެ.
އެމެރިކާ އާ ހިލާފަށް ޗައިނާއިން އެފަދަ ފިއްތުމެއް ނުގެންގުޅޭނެ ކަމަށާއި ހަމައެކަނި ޝަތުރަކަށް ވަނީ ނިއުލިއާ ހަތިޔާރެއް އުފެއްދުމުގެ ގާބިލުކަން ލިބިދިނަ ނުދިނުން ކަމަށެވެ.
ވޯލް ސްޓްރީޓްގެ މި ހަބަރާ ގުޅިގެން ޗައިނާގެ ނެޝަނަލް ނިއުކްލިއާ ކޯޕަރޭޝަން (ސީއެންއެންސީ) އާއި ސައުދީގެ އޮފިޝަލުން ރަސްމީ ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ސައުދީ އާއި މެދުއިރުމައްޗާއި ޗައިނާގެ ގުޅުން ފާއިތުވި އަހަރުތަކުގައި ރަނގަޅުވަމުން ގޮސްފައި ވާ އިރު އެއީ އެމެރިކާއިން ކަންބޮޑުވާ މައްސަލައެކެވެ.
މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ރައީސް ޝީ ޖިންގްޕިން ސައުދީއަށް ވަޑައިގެންފައި ވާ އިރު އެ ދަތުރުގައި ވަނީ 10 ބިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއް ހައްދަވާފައެވެ. ޗައިނާ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ފުޅާދާއިރާއެއްގައި އެނާޖީ ބޭނުން ކުރާ ގައުމަށް ވާއިރު މެދުއިރުމައްޗާ ގުޅުން ގާއިމުކޮށް ހޯދޭ ފުރުސަތުތަކުގައި އެނާޖީ އާ ގުޅޭ ދާއިރާއިން އެކިއެކި ފުރުސަތުތައް ހޯއްދަވަން ޝައުގުވެރިވާކަމަށް ޝީ މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.
ސައުދީގައި ނިއުކްލިއާ ޕްލާންޓެއް ހަދަން ޗައިނާއިން ޝައުދުވެރިވާ އިރު އެ ގައުމުގެ ނިއުކްލިއާ އިންޑަސްޓްރީ ގައުމުން ބޭރަށް ފުޅާ ކުރުމަށް ފާއިތުވި އަހަރުތަކުގައި އެގައުމުން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ.
އެގޮތުން 2019 އިން ފެށިގެން ކުރިއަށް ދާ 'ބެލްޓް އެންޑް ރޯޑް' މަޝްރޫއުގެ ދަށުން ދުނިޔޭގެ އެކިއެކި ތަންތާނގައި 30 އަށް ވުރެ ގިނަ ނިއުކްލިއާ ޕަވާ ޕްލާންޓް ގާއިމު ކުރުމަކީ އެ ގައުމުން ވިސްނާފައި އޮތް ކަމެއް ވެސް މެއެވެ.
ޗައިނާގެ ލޯ މެދުއިރުމައްޗަށް ހުރި އިރު، އެގައުމުން ވަނީ މެދުއިރުމަތީގެ ދޭދޭ ގައުމުތަކުގެ ދެމެދުގައި އޮތް ޒަމާންވި ހަތުރުވެރިކަން ނައްތާލައި ސުލްހަ ގާއިމު ކުރުވުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ދާދި ފަހުން ވަނީ ސައުދީ އާއި އީރާނާ ދެމެދުވެސް ސުލްހަ ގާއިމު ކުރުވާފައެވެ. މެދުއިތުމަތީގައި އޮންނަ އެންމެ މައްސަލަ ބޮޑު އަދި އަރާރުން ބޮޑު ދެގައުމުގެ ގޮތުގައި މީގެ ކުރިން އޮތީ އެދެގައުމެވެ.
ސައުދީ އަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ނަގާ ގައުމުގެ އިތުރުން އެގައުމުގެ މުޅި އެނާޖީ ސެކްޓާ ހިފަހައްޓަނީ ތެލުން ކަމަށް ވުމާއެކު އަނދަމުން ދާ ފޮސިލް ފިއުލްގެ ބަދަލުގަައި ނިއުކްލިއާ އެނާޖީ އިންޑަސްޓްރީއެއް ގާއިމު ކުރުމަށް މަސައްކަތް ކުރާތާ އަހަރުތަކެއް ވެސް ވަނީ ވެފައެވެ. ފޮސިލް ފިއުލް އަކީ ޖައްވި ހޫނުވުމަށް ދިމާވާ މައިގަނޑު އެއް ސަބަބުވެސް މެއެވެ. އެހެން ކަމުން އެކަމަށް އޮތް ހައްލަކީ ނިއުކްލިއާ ހަކަތައަށް ދީލާލުން ކަމަށް ސައުދީވެސް ގަބޫލު ކުރެއެވެ.