އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ހަރަކާތްތައް ހިންގުމަށް އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގޮވާލައިފިއެވެ.

އީޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އިންތިހާބާ ދިމާކޮށް ފޯރިއާ އެކު ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގައި ތިމާވެއްޓަށާއި ދިރޭ ތަކެއްޗަށް ގެއްލުންވާ ގޮތަށް ކެމްޕެއިންގެ އެކި ހަރަކާތްތައް ހިންގަމުން އަންނަ ކަން ފާހަގަ ވެފައިވާ ކަމަށެވެ.

އެގޮތުން ހިމާޔާތް ކޮށްފައިވާ ގަސްގަހާއި ދުވަސްވެފައިވާ ބޮޑެތި ގަސްގަހަށް ގެއްލުންވާ ގޮތަށް މޮހޮރު ޖަހައި ކެމްޕެއިން ބެނާއާއި ފޮތިތައް ހަރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. ހަމައެއާއެކު ޖަނަވާރަށާއި ރުއްގަހަށް ސްޕްރޭކޮށް ދަވާދުލައި ކެޕެއިން ޕޯސްޓަރާއި ކަރުދާސް، ކުނީގެ ގޮތުގައި މަގުމައްޗަށް އުކާލާފައި ހުންނަ ކަން ވެސް ވަނީ ފާހަގަ ވެފައި ވާކަމަަށް ބުނެފައި ވެއެވެ.

މީގެ އިތުރުން ކެމްޕެއިން ހަރަކާތްތަކުގައި ބޭނުން ކުރާ ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅިތައް ވެސް ކުނީގެ ގޮތުގައި އުކާލުމަށް ފަހު ކުނި މެނޭޖް ނުކުރާ ކަން ފާހަގަ ވެފައިވާ ކަމަށް އީޕީއޭއިން ބުނެއެވެ. އަދި ފަރުތަކާއި މުރަކަތައް ތޮރުފައިގެން ނުވަތަ ހަލާކުކޮށްލައިގެން ދިދަ ޖެހުމުގެ ބޭނުމުގައި ދަގަނޑު ހޮޅި ޖަހާކަން ވެސް ފާހަގަ ވެފައިވާ ކަމަށް އީޕީއޭ އިން ބުނެއެވެ.

އީޕީއޭ އިން ބުނީ މިފަދަ ކަންކަން ތަކުރާރު ނުކޮށް ތިމާވެއްޓަށާއި ދިރޭ ތަކެއްޗަށް ގެއްލުން ނުވާނެ ގޮތަކަށް ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދިއުމަށް އަންގާ ކަމަށެވެ، ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި ދިރޭތަކެއްޗާއި މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތައް މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކުގެ މަންފާއަށްޓަކައި ރައްކާތެރިކޮށް ދމެހެއްޓުމަކީ ކޮންމެ ފަރުދަކުވެސް ވަރަށް އިސްކަން ދޭން ޖެހޭ ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ކެމްޕެއިން ހަރަކާތްތައް ފޯރިއާ އެކު ކުރިއަށް ދާ މި ދުވަސްވަރު ތިމާވެށި ތަޣައްޔަރުވިޔަ ނުދިނުމަށް އެންމެން އެކީގައި މަސައްކަތް ކުރުމަށް އީޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.