މި އަހަރުގެ ސެޕްޓެމްބަރ 9 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރު، ބަލާލި ކޮންމެ ހިސާބަކުންމެ ފެންނަނީ އެތައް ވައުދުތަކަކާއި ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދޭން ކިޔާ ކެންޑިޑޭޓުންނެވެ. ތަފާތު އެކި ބޮޑެތި އަދި ކުދި ވައުދުތައް ވަމުން އަންނަ އިރު، އަޑުއަހާލަން ތިބޭ ބަޔަކު ކޮސްވެ އަންތަރީސްވާ ވަރުވެއެވެ.
އާބާދީ ކުޑަކަމުން ހިދުމަތް ހޯދަން ތިބޭ މީސްކޮޅު މަދުކަމުން ހޮސްޕިޓަލް އަޅައިގެން ދެކޮޅު ނުޖެއްސުނަސް، ދުއްވާނެ މާ ގިނަ ވެހިކަލެއް ނެތުމުގެ ސަބަބުން ރީތިކޮށް ސާފުކޮށް އޮންނަ ވެލި މަގުތަކުގައި ތާރުއަޅާ، ހިއްކާފައި އޮތް ބިން ބޭނުން ނުކުރެވި 5-6 އަހަރު ވެފައި އޮތަސް އިތުރަށް ބިން ހިއްކާ ވާހަކަ އާއި، ހޮސްޕިޓަލް އަޅާ ވާހަކަ އާއި ތާރު އަޅާ ރަނގަޅު ފެންވަރަށް މަގުތައް ހަދައިދޭ ވާހަކަ އެވެ.
މީގެ އިތުރުންވެސް، ވައުދުގެ ލިސްޓު ދިގުވަމުން ދިގުވަމުން ގޮސް ވީ ކޮން ވައުދެއްކަން ރައްޔިތުންނަށް އޮޅުން ބޮޅުން ވާހާ ގިނަ ވައުދުތައް އެކި ކެންޑިޑޭޓުން ދަނީ ވަމުންނެވެ.
ނާޒިމްގެ މެނިފެސްޓޯ
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމްގެ ރިޔާސީ މެނިފެސްޓޯ "ނާޒިމް 2023" ގެ ނަމުގައި ލޯންޗު ކޮށްފައި ވާއިރު އޭގައި އެކުލަވާލާފައި ވަނީ މައިގަނޑު ނުވަ ބަޔެކެވެ. އެއީ "އުފާވެރި ޒުވާނާ"، "ބާއްޖަވެރި އާއިލާ"، "ފަންނީ ޖީލެއް"، "ބަދަހި އިގްތިސާދު"، "ސަލާމަތްތެރިކަން ކަށަވަރު"، "އަދުލް އިންސާފު"، "ނަޒާހަތްތެރި ވެރިކަން"، "އަހަރެންގެ ދިވެހިރާއްޖެ" މި ނުވަ ބައެވެ. މި ދާއިރާތަކުން ނާޒިމްގެ ވެރިކަމެއްގައި ކޮށްދެއްވާނެ މުހިންމު ކަންކަން ހާމަކުރައްވާފައިވާ އިރު "މިނިސްޓްރީ އޮފް ހެޕިނަސް" ނަމުގައި މިނިސްޓްރީއެއް އުފެއްދުމާއި އާބާދީ އިތުރު ކުރުމަށް ހިތްވަރު ދީ އުފަންވާ ކޮންމެ ކުއްޖަކަށް 5،000 ރުފިޔާގެ އިނާޔަތެއް ދިނުމަށް ކަނޑައަޅާފައި ވެއެވެ.
ނާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަން:
- ގޯތީގެ ރަޖިސްޓްރީ ހުށައެޅުމުން ލޯނު ލިބޭނެ ގޮތް ހެދުން
- މެޑިކަލް އިންޝުއަރެންސް ކާޑެއް ތައާރަފު ކުރުން
- ކަރަންޓް މީޓަރުތަކުން ކޮންމެ މަހަކު ފުރަތަމަ 100 ޔުނިޓް ހިލޭ
- ފެން ބިލުން 3،000 ލީޓަރު ފެން ހިލޭ
- ގޭބީސީތަކުން އުފައްދާ ކުނި އުކާލުން ހިލޭ
- އެކަނިވެރި ބެލެނިވެރީންގެ އިނާޔަތް 4،000 ބޮޑު ކުރުން
- 18 ވެފައިވާ ކޮންމެ މީހަކަށް ރޯދަ އިނާޔަތުގެ 3،000 ރުފިޔާ ދޭން ފެށުން
- ކޮތަޅުން ނަގާ 2 ރުފިޔާ ކަނޑާލުން
- ޕެޑް ހިލޭ ލިބޭނެ ގޮތް ހެދުން
- ދިވެހީންނަށް ހިލޭ ބަސް ދަތުރު
- އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީސް އަލުން އެކުލަވާލުން
- މަސްކަނޑުން ގެއްލުނު ބައި ހޯދުން
- ރައީސްގެ ސިއްރު ސިޓީ ހާމަ ކުރުން
- ދިވެހިރާއްޖޭގެ ޑިޖިޓަލް ކަރަންސީ ތައާރަފް ކުރުން
- ސަރުކާރު ކުންފުނިތަކުން ބޮޑުކަންނެލި ގަނެ އެކްސްޕޯޓް ކުރުން
- ތިން އާބަން ސެންޓަރު އުފެއްދުން ހިމެނެއެވެ.
ގާސިމްގެ މެނިފެސްޓޯ
ޖުމުލަ 15 އަސާސެއްގެ މައްޗަށް ބިނާވާ ގާސިމްގެ މެނިފެސްޓޯގައިވެސް ބޮޑެތި ވައުދުތަކެއް ވަނީ ވެފައެވެ.
މިގޮތުން:
- 65 އަހަރުން މަތީގެ 100 މީހުން ކޮންމެ އަަހަރަކު ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުން
- 500 ހާފިޒުން އުފައްދާ ހާފިޒުންނަށްދޭ އެލަވަންސް 3000 ރުފިޔާއަށް އިތުރުކުރުން
- ވިސާއާ ނުލައި ދިވެހިންނަށް އިތުރު ގައުމުތަކަށް ދަތުރުކުރެވޭ ގޮތް ހެދުން
- ފަނޑިޔާރުންގެ މުސާރަ 75 އިންސައްތަ ބޮޑުކުރުން
- 3 އަހަރުގެ ތެރޭގައި ދައުލަތުގެ ދަރަނި ޖީޑީޕީގެ 120 އިންސައްތަ އިން 90 އިންސައްތަ އަށް ތިރިކުރުން
- ފަގީރުކަމުގެ މިންގަނޑެއް ކަނޑައަޅާ، ފފަގީރުންނަށް ދައުލަތުން މަދުވެގެން 3000 ރުފިޔާފެ ސީދާ އެހީ ދިނުން
- ދަނޑުވެރިކަން ތަރައްގީ ކުރުމަށް 200 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރުން
- 30،000 ހައުސިން ޔުނިޓު އަޅާ ބޯހިޔާވަހިކަން ނުލިބި ތިބި މީހުންނަށް އެފުރުސަތު ދިނުން
- ގްރޭޓަރ މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުން
- 65 އަހަރުވުމުން ދައުލަތުން ދޭ އިނާޔަތް 7000 ރުފިޔާއަށް އިތުރުކުރުން
- ހިޔާ ފްލެޓުތަކުގެ ކުލި މާފްކޮށްދިނުން ހިމެނެއެވެ.
ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ
މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ކަންކަމަށް ބަލާއިރު:
- އަލަށްފެށޭ ސޯޝަލް ހައުސިން ސްކީމްތަކުގައި ޒުވާން އާއިލާތަކަށް ހާއްސަ ކުރެވިގެން ދެ ކޮޓަރީގެ 3000 އެޕާޓްމަންޓް ހިމެނުން
- ޕީސީއޯއެސް ފަދަ އަންހެނުންނަށް ދިމާވާ ހާއްސަ މައްސަލަތަކަށް އާސަންދަ ހަމަޖެއްސުން
- އަންހެނުން ވިޔަފާރީގެ ދާއިރާއަށް ނުކުތުމަށް ހިތްވަރުދިނުމުގެ ގޮތުން ލުއި ލޯން ދޫކުރުމަށް 100 މިލިއަން ރުފިޔާގެ ހާއްސަ ސްކީމެއް ތައާރަފް ކުރުން
- މާބަނޑު މީހުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް ގާއިމު ކުރުން
- ރާއްޖޭގައި މަސް ރައްކާކުރެވޭ ކެޕޭސިޓީ ދެގުނައަށް އިތުރު ކޮށްދިނުން
- ޝަރުތުހަމަވާ 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ގޯއްޗެއް ނުވަތަ އެޕާޓްމެންޓެއް ދިނުން
- ހާފިޒުންނަށްދޭ އެލަވެންސް މަހަކު 2000 ރުފިޔާއިން 4000 ރުފިޔާއަށް ބޮޑުކުރުން
- އެކަނިވެރި މައިންނާއި، ބަފައިންނަށް ދަރިން ބެލެހެއްޓުމަށްދޭ އެލަވެންސް 4 ކުދިންނާއި ހަމައަށް ކޮންމެ ކުއްޖަކަށްދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރުން
އެމްޑީޕީގެ މެނިފެސްޓޯ
އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމަށް ބަލާއިރު:
- ނޭޝަނަލް ބަޔޯ މެޑިކަލް އިކުއިޕްމެންޓެއް ހެދުން
- ޑްރޯން ބޭނުންކޮށްގެން މެޑިކަލް ސާމްޕަލް ޓްރާންސްފާ ކުރުން
- ޑްރަގް ރިހެބިލިޓޭޝަންގެ ފަރުވާ ވަރުގަދަކޮށް، ރާއްޖޭގެ ތިން ސަރަހައްދެއްގައި ތިން ރިކަވަރީ ވިލެޖު ހެދުން
- ޒަކާތާ ބެހޭ ގާނޫނެއް ހެދުމާއި ހައްޖާއި އުމުރާގެ އަގު ކޮންޓްރޯލްކުރުން
- ކަނޑައެޅޭ ވަކި އުސޫލެއްގެ ދަށުން ބައެއް ސްޓޫޑެންޓް ލޯންތައް މާފް ކޮށްދިނުން
- ތިލަފުއްޓާއި އެހެނިހެން ސަރަހައްދު ތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރުން
- އަތޮޅުތެރޭގެ ރައްޔިތުން ޕިކްނިކް ދިއުމަށްޓަކައި ކޮންމެ އަތޮޅަކަށް މަދުވެގެން 1 ޕިކްނިކް އައިލެންޑް ހަމަޖެއްސުން
- ހިލޭ ޑިގްރީގެ ޕްރޮގްރާމް ފުޅާކޮށް ސެޓްފިކެޓް 1 ކުން ފެށިގެން ޑިގްރީއަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެެއްސުން
ދަ ޑިމޮކްރެކްޓްސްގެ މެނިފެސްޓޯ
މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ އެންމެ ޒުވާން ކެންޑިޑޭޓް ކަމުގައިވާ އިލްޔާސް ލަބީބުވެސް އަންނަނީ ބޮޑެތި ވައުދުތަކެއް ވަމުންނެވެ. މިގޮތުން ބަލާއިރު ފާހަގަ ކުރެވޭ މުހިންމު ބައެއް ކަންތައްތަކަކީ:
- ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޭނުންވާ ކަރަންޓު އުފައްދާ ވަސީލަތްތަކަކީ އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާ ވަސީލަތްތަކަށް ބަދަލުކުރުން
- 5 އަހަރުތެރޭ މާލޭގެ 25،000 އަށްވުރެ ގިނަ އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖައްސަ ދިނުން
- މާލެއިން ބޭރަށް ބަދަލުވާން އެދޭ މީހުންނަށ،ް ބޯހިޔާވަހިކަމާއި އަދި ސެޓްލްމަންޓް އެލަވަންސް ފޯރުކޮށްދިނުން
- މާލޭގެ އެންމެ ތޮއްޖެހި ކޮއްލަވާނިވެފައިވާ 10 ކޮށި ފާހަގަކޮށ،ް އެ ކޮށިތަކަށް ނިސްބަތްވާ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވަކި ކޮންޑޮމީނިއަމް ޔުނިޓެއް
- އެ ކޮށިތަކުގައިވާ ކޮންމެ ގޯއްޗަކަށް 1،000 އަކަފޫޓަށް ވުރެ ކުޑަނޫން ގޯއްޗެއް ދިނުން
- މަސްކިލޯއެއް ގަންނަ އެންމެ ދަށް އަގަކީ 25ރ އަށް ހެދުން
- ބޮޑުތިލަދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ އެ ސަރަހައްދުގައި، ފަތުރުވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އިންވެސްޓްކުރާ ފަރާތަކަށް ޓީޖީއެސްޓީ ފުރަތަމަ ތިން އަހަރު އެކީ ކަނޑާލުން
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަޑި ޖެހޭ ބަޔަކަށް ހަދައި، ރައްޔިތުން އެ މެންބަރަކާމެދު ހިތްހަމަނުޖެހޭ ނަމަ ދައުރުގެ ތެރޭގައި އެ މެންބަރަކު ވަކިކޮށް ރީކޯލް ވޯޓަކަށް ދިއުމުގެ ފުރުސަތު
އުފެދޭ ބޮޑު ސުވާލު!
މިފަދަ ބޮޑެތި ވައުދުތައް ވަމުން ދާއިރު، އެއްވެސް ކެންޑިޑޭޓެއް އެ ބޭފުޅަކު ވެރިކަމަށް ހޮވިއްޖެނަމަ ވައުދުތައް ފުއްދުމަށްޓަކައި ފަންޑު ހޯދާނެ ގޮތުގެ ވާހަކަ އެއް ނުދައްކައެވެ. އަދި އެއީ ކިހިނެއް ހޯދާނޭ ފައިސާއެއް ކަމެއްވެސް ނޭނގެއެވެ. ވީއިރު ރާއްޖޭގެ އިގްތިސާދުގެ ހާލަތު މިއަދު ހުރި ގޮތުން ވައުދު ލިސްޓު ފުރިހަމަ ކުރަން ހިނގާ ފޫބެއްދޭނެ ހެއްޔެވެ؟
އެކި ކެންޑިޑޭޓުން ވަމުން ދާ ވައުދުތައް ހިސާބު އަކުރުން އެއްކޮށްލައިފި ނަމަ ދައުލަތުގެ އާމްދަނީ އާއި ހަރަދު އަރައިގެން ދާނެ ގޮތް އެނގުން މުހިންމެވެ. މި އަހަރުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދުގެ ޖުމުލަ އާމްދަނީ 32.09 ބިލިއަން ރުފިޔާގައި ހުރި އިރު ޖުމްލަ ހަރަދު ވަނީ 40.06 ބިލިއަން ރުފިޔާއަށް އަރާ މިހާރުވެސް ބަޖެޓް ދަރަނި ވެފައެވެ. ޖުމްލަ ދަރަނި 113 ބިލިއަން ރުފިޔާ ހުރަސްކޮށްފިއެވެ. އެއީ ރާއްޖޭގައި ދިރިއުޅޭ 515،122 މީހުންގެ ތެރެއިން 132،321 ބޭރު މީހުން ކަނޑާލުމަށް ފަހު 382،751 ދިވެހިންގެ މައްޗަށް ބަހާލައިފިނަމަ ބޮލަކަށް 295،231 ރުފިޔާއެވެ.
އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އަކީ 123،829 ރުފިޔާ ކަމަށް ވާނަމަ ބޮލަކަށް ޖެހޭ ދަރަނި ބޮޑުވުމުގެ މާނަ އަކީ މިހާރު ކެންޑިޑޭޓުން ވަމުންދާ ވައުދުތައް ނަންބަރަށް ތިރިކޮށް އެ ވައުދުތައް ފުއްދުމަށް ހަރަދު [ދަރަނި] އިތުރުވެގެން ދިޔުން ކަމަށް ވާއިރު ދަރަނި އަދާކުރަން ނުވަތަ ކޮންމެ ދިވެއްސެއްގެ ބޮލުގައި ދަރަނި އަޅައިގެން އުޅެންޖެހޭ މުއްދަތު އެތައް ދަހަރަކަށް [ޑިކޭޑް] އަކަށް ސޮއްސާލައިގެން ދިޔުމެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން މިއަހަރުގެ މާޗް 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުވަނީ 10 ބިލިއަން ރުފިޔާއަށް ހުރަސް ކޮސްފައެވެ. ދައުލަތުގެ ހަރަދު މިދިޔަ އަހަރުގެ އެ މުއްދަތުގައި ހުރީ 7.8 ބިލިއަން ރުފިޔާގައެވެ. ހަރަދުތަކުގެ ތަފްސީލަށް ބަލާއިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އަދި ޕެންޝަނަށް މިއަހަރު 2 ބިލިއަން ރުފިޔާ ހޭދަކުރިއިރު އިދާރީ އަދި ހިންގުމުގެ ހަރަދަށް 4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ނުވަތަ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 2.4 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި އިތުރު ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބުނީ 7.1 ބިލިއަން ރުފިޔާއެވެ. އޭގެ ތަފްސީލަށް ބަލާއިރު އާމްދަނީގެ 80 ޕަސަންޓު ނުވަތަ 5.7 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެ މުއްދަތުގައި ދައުލަތަށް ލިބުނީ އެންމެ 1.4 ބިލިއަން ރުފިޔާއެވެ.
އެހެންކަމަށް ވާއިރު، ބައެއް ޓެކްސްތައް ކުޑަކުރުމާއި ބައެއް ޓެކްސްތައް ނުނަގާން ނިންމާ ގިނަ ކަންކަން ހިލޭ ކޮށްދޭން ކެންޑިޑޭޓުން ކިޔާއިރު އެއީ ވަމުން ދާ ވައުދުތައް ފުއްދަން ދެކޮޅު ޖެހޭ ސިޔާސަތެއްހެއްޔެވެ. ފައިސާ ހޯދާނެ ގޮތުގެ ތަފްސީލު ކިޔައިދޭން ނޭނގޭއިރު ޓެކްސް މައާފުކޮށް ކަނޑާއި، ކުޑަކޮށްގެން ފުއްދޭނެ ވައުދަކީ ހުސް ކަރުދާސް ވައުދެވެ. ހިސާބު ޖަހާ، ނަންބަރުތަކުން ވައުދުތައް ކިޔައި ނުދީ، ރައްޔިތުން 'ގުނބޯ ހައްދަން' ފަތިފައްޗަށް ވައުދުތައް ވާއިރު ރައްޔިތުން މިކަމަށް ސަމާލުވާން ޖެހެއެވެ.