ޑޮލަރަށް ބަރޯސާވުން ކުޑަކޮށް، ވިޔަފާރީގެ ގޮތުން ރާއްޖެ އާއި ގުޅިފައިވާ ގައުމުތަކާ އެކީގައި އެ ގައުމެއްގެ ފައިސާ އިން ވިޔަފާރި މުއާމަލާތް ކުރާ ގޮތަށް ހަމަޖެއްސައި ދެއްވާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދު ވެވަޑައިގެންފިއެވެ.

ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސްގެ "އުފާވެރި އަމާން ރާއްޖެ" މެނިފެސްޓޯގެ ފަސްވަނަ އަދި އެންމެ ފަހު ސިޔާސަތު މިރޭ ވަނީ އިފްތިތާހު ކޮށްފައެވެ. ހަތަރު ބަޔަކަށް ބަހާލާފައިވާ "އިގްތިސާދީ ބޮޑު ބަދަލު"ގެ ނަމުން ނަން ދީފައިވާ ސިޔާސަތު އިފްތިތާހު ކުރުމުން ރައީސްގެ މެނިފެސްޓޯ އެއްކޮށް އިފްތިތާހުކޮށް ނިމުނީއެވެ.

ރާއްޖޭގެ އިގްތިސޯދު ޑޮލަރަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް ރައީސް ނިންމަވާފައި ވަނީ އަވަށްޓެރި އިންޑިއާ އާއި ޗައިނާ ހިމެނޭހެން ބައެއް ގައުމުތަކުން އުފައްދާފައި ވާ "ބްރިކްސް"ގައި، ޑޮލަރަށް ބަރޯސާވުން ނައްތާލުމަށާއި އެ ގައުމެއްގެ ފައިސާއިން މުއާމަލާތު ކުރުމަށް ވަކާލާތު ކުރަމުން ދާ ވަގުތެއްގައެވެ.

"އިގްތިސާދީ ބޮޑު ބަދަލު"ގެ ދަށުން އެކުލަވާލާފައިވާ "ފަހި މާލީ ސިޔާސަތު"ގެ ދަށުން ރައީސް ވަނީ އަށް ކަމަކަށް ވައުދު ވެވަޑައިގެންފައެވެ. އެ ކަންކަމަކީ:

  • ހައްގުވާ ފަރާތްތަކަށް ދޭ އެއްޗަކަށް ސަބްސިޑީ ހެދުމަށް ގާނޫނުތައް އިސްލާހުކުރުން
  • ދެމެހެއްޓެނިވި ގޮތެއްގައި އާސަންދައިގެ ތެރެއިން އެހީ ފޯރުކޮށްދިނުމަށްޓަކައި އަންނަ އަހަރުން ފެށިގެން އާސަންދަ ދޭގޮތް ބަދަލުކުރުން
  • ބޭރު މާކެޓުތަކަށް އަންނަ ޝޮކުތަކުގެ ސަބަބުން ދިމާވާ އިގްތިސޯދީ ހީނަރުކަމުން އާންމުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމުގެ ގޮތުން މާލީ ސިޔާސަތުތަކަށް ބަދަލު ގެނެސް ސޭފްޓީ ނެޓެއް ގާއިމްކުރުން
  • ދެމެހެއްޓެނިވި ފިސްކަލް ސްޓްރެޓެޖީއެއްގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދު ކުޑަކުރުމުގެ ސިޔާސަތު ތަންފީޒުކޮށް މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ދައުރު ނިމުމުގެ ކުރިން ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80 ޕަސެންޓަށް ކުޑަކުރުން
  • ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާ ލީކުވުން މަދުކޮށް، ވިޔަފާރީގެ ގުޅުން ހުރި ގައުމުތަކާ ދެމެދު ކުރެވޭ މާލީ މުއާމަލާތްތައް އެ ގައުމުތަކުގެ ފައިސާ އިން ކުރެވޭނެ ގޮތް ހެދުން
  • ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދުތައް ހިފަހައްޓައި އެކްސްޗޭންޖް ރޭޓަށް ޕްރެޝަރު ކުޑަކުރުމުގެ ގޮތުން އިއާދަކުރުވަނިވި ހަކަތައަށާއި ހާއްސަ ބަލިތަކަށް ފަރުވާ ދިނުމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކަށް އިންވެސްޓުކުރުން
  • ދަރަނީގެ ސްޓޮކް ރިސްކް ކުޑަކުރުމަށްޓަކައި އެވަރެޖް މެޗުރިޓީ އިތުރުކޮށް ހެޔޮ އަގުގައި ދައުލަތުގެ ދަރަނި ފައިނޭންސްކުރުން
  • މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުން

އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގައި އިގްތިސާދީ ބޮޑު ބަދަލުގެ އިތުރުން ހަތަރު ސިޔާސަތެއް ހިމެނެއެވެ. އެއީ "އުފާވެރި ދިރިއުޅުން،" "އާ ޒުވާން ޖީލު،" އަމާން މުޖުތަމައު،" އަދި "ހެޔޮވެރިކަން،" މިއެވެ.