ރާއްޖޭގައި އެންމެ ޕްރީމިއަމް ކޮލިޓީގައި އުފައްދައި ބާޒާރަށް ނެރުނު "އާރޯ" ބްރޭންޑުގެ ފެން، އުރީދޫގެ އޮންލައިން ޝޮޕިން ޕްލެޓްފޯމް ކަމަށްވާ މޫލީން ލިބޭނެ ގޮތް ހަމަޖައްސައިފިއެވެ.

އުރީދޫން ބުނީ، މޫލީ މެދުވެރިކޮށް އާރޯ ބްރޭންޑުގެ ފެންފުޅި އަށް އޯޑަރުކުރެވޭނެ ކަމަށާއި، މޫލީ މެދުވެރިކޮށް އޯޑަރުކުރުމުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް ހިލޭ ޑެލިވާ ކޮށްދޭނެ ކަމަށެވެ.

"އާރޯ"ގެ ނަމުގައި އެމްޑަބްލިއުއެސްސީން ޕްރީމިއަމް ބްރޭންޑުގެ ފެން ތައާރަފްކުރީ އެކަމަށްޓަކައި މިދިޔަ ނޮވެމްބަރު މަހުގެ ހަތްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އުރީދު އާ ހަވާލާދީ އެމްޑަބްލިއުއެސްސީން ބުނީ:

  • "އާރޯ" ބްރޭންޑުގެ ފުޅި ޑިޒައިންކޮށްފައި ވަނީ ޕްލާސްޓިކް މަދުކުރެވޭނެ ހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށް
  • ފެން އުފައްދާފައި ވަނީ ފަރުވާކޮށް، މިނަރަލައިޒްކޮށް، އިންޑަސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް

އެ ކުންފުނިން އޭރު ބުނީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާ ގޮތަށް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ އެއް ލީޓަރާއި 500 މިލިލީޓަރުގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ކަމަށެވެ.

މި ފުޅި ތައާރަފް ވެގެން ދިއުމުން، ރާއްޖޭގައި ސިންގަލް ޔޫޒް ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުވެ، ސިންގަލް ޔޫޒް ޕްލާސްޓިކް އެކީ އެކަށް ބޭނުންކުރުން ހުއްޓާލުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.