މަސްތުވާތަކެތީގެ މުއާމަލާތު ކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލައި ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އިބްރާހިމް ރަޝީދު (40)ގެ މައްޗަށް ކޮށްފައިވަނީ ޑައިމޯފިންއިން އިން މުއާމަލާތް ކުރުމުގެ ދައުވާއެވެ. އޭނާއަށް މި ދައުވާ ކޮށްފައި ވަނީ މެއި 28، 2016 ވަނަ ދުވަހު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގައެވެ.
މި މައްސަލައާ ގުޅިގެން އިބްރާހިމް ރަޝީދު ޝަރީއަތުގައި ބުނެފައި ވަނީ، މި މައްސަލައިގައި ފެނުނު ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ބަޔަކު އޭނާ ފްރޭމް ކުރުމަށް އެތަނުގައި ބޭއްވި އެއްޗެއް ކަމަށެވެ. ނަމަވެސް އެކަން ސާބިތު ކުރަން އަދި ދައުލަތުން ހުށަހަޅާފައިވާ ހެކި ނަފީ ކުރަން އޭނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ.
އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމުން އިބްރާހިމް ރަޝީދު ވަނީ އެންމެ ލުއި އަދަބެއް ކަނޑައަޅައި ދިނުމަށާއި ޑްރަގް ކޯޓުން ފަރުވާއަށް ފޮނުވާ ގޮތަށް ހުކުމް ކުރުމަށް އެދިފައެވެ.
ނަމަވެސް ހަތަރު ގްރާމަށް ވުރެ މަދުން ޑައިމޯފިން ފެންނަ މައްސަލަތަކުގައި ފަރުވާއަށް ފޮނުވަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކަމަށް ބުނެ އަމިއްލައަށް އިއުތިރާފު ވުމުންނެވެ. މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި އިބްރާހިމް ރަޝީދު އިއުތިރާފުވެ އެގޮތަށް އެދިފައި ނުވެއެވެ. އެހެންވެ ކޯޓުން ނިންމީ އޭނާގެ މައްޗަށް ޖަލު އަދަބާއި ޖޫރިމަނާ ކަނޑައެޅުމަށެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 15 އަހަރަށް ޖަލަށް ލުމާއެކު 25،000ރ. އިން ޖޫރިމަނާ ކުރުމަށެވެ.