އެމްޑީޕީން ވަކިވުމަށް ފަހު އުފެއްދި ޑިމޮކްރެޓްސް އަށް ސޮއިކުރެއްވި މެންބަރުން އެ ޕާޓީގެ ދަފްތަރުވެ، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެ ޕާޓީގެ މަޖިލިސް މެންބަރުން ތަމްސީލު ވާނެ ގޮތުގެ މަޝްވަރާ އަށް ވަގުތު ދިނުމަށްޓަކައި މަޖިލީހުގެ ޖަލްސާއެއް މިއަދު ނުބާއްވަން ނިންމައިފިއެވެ.
19 ވަނަ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިމި، މިދިޔަ މަހުގެ 10 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ވަނީ ދާއިމީ ކޮމިޓީތަކަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. ނަމަވެސް ޑިމޮކްރެޓްސް ތަމްސީލުކުރައްވާ 14 މެންބަރުންގެ ތެރެއިން 11 މެންބަރަކު އަދިވެސް މަޖިލީހުގެ އިދާރާ އަށް އެކަން އަންގަވާފައި ނުވާތީ، އެ މެންބަރުންނަށް ފުރުސަތު ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހޯމަ ދުވަހު ނިންމެވީ ކޮމިޓީތަކަށް މެންބަރުން އައްޔަނުކުރުން ފަސްކުރުމަށެވެ.
އެހެންވެ، މި އަހަރުގެ ފަހު ދައުރުގެ ފުރަތަމަ ދެ ޖަލްސާ ހޫނުވެ، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެއްވެސް ގޮތަކަށް ކުރިއަކަށް ނުދިޔައެވެ.
މަޖިލީހުގެ ޖަލްސާ އެއް މިއަދަށް ތާވަލުކޮށްފައި ނުވާތީ އެކަމާ ގުޅިގެން ސުވާލުކުރުމުން އިތުރު ތަފްސީލެއް ނުދެއްވި ނަމަވެސް، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޖަލްސާ އެއް މިއަދަށް ތާވަލުކޮށްފައި ނުވަނީ، ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ދާތީ އެކަމަށް ވަގުތު ދިނުމުގެ ގޮތުންނެވެ.
އެކަން ނިމި، އަންނަ ހޯމަ ދުވަހު ޖަލްސާތައް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރު ފަށައި ބޭއްވި ދެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުން އެކަންޏެވެ.
ނަމަވެސް އެ މަސައްކަތް ކުރިއަށް ނުގޮސް މަޖިލިސް އަދިވެސް އެ އޮތީ ހުއްޓިފައެވެ. އިދިކޮޅުން ތުހުމަތުކުރަނީ ސަރުކާރު މެންބަރުން މަޖިލިސް ހުއްޓުވާފައި އޮތީ ސަރުކާރުން އަންގައިގެން ކަމަށެވެ. ސަރުކާރު މެންބަރުން ތުހުމަތުކުރާ ގޮތުގައި މަޖިލީހުގެ ރިޔާސަތުން މަޖިލިސް ހުއްޓުވާފައި ވަނީ ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ.