ގދ. ގައްދޫ ސިއްހީ މަރުކަޒުގައި ފަރުވާ ހޯދަމުން ދިޔަ 2 ކުއްޖަކަށް މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލައެއް ފެންމަތިވުމާ ގުޅިގެން އެކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފިއެވެ.
އިއްޔެ ހިނގި މިހާދިސާގައި މުއްދަތު ހަމަވެފައިވާ އައިވީ ދީފައިވަނީ އެ ރަށުގެ 2 ކުޑަކުއްޖަކަށެވެ. މިދިޔަ ޖުލައި މަހަށް އެ އައިވީތަކުގެ މުއްދަތު ހަމަވެފައި ވާކަން އެނގުނީ އައިވީގެ މެދާ ހިސާބަށް ދިޔަ ފަހުން ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން އެޗްއާރްސީއެމް އިން މިއަދު ބުނީ، ކުޑަކުދިންތަކެއްގެ ގަޔަށް މުއްދަތު ހަމަވެފައިވާ އައިވީ ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތި ވުމާއެކު އެ މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ ކުޑަކުދިންތަކެއްގެ ސިއްހަތާ ގުޅުންހުރި މައްސަލައަކަށް ވުމުން އެ ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުންވެސް އެކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ހޯދައި އެފަދަ ކަންކަން ތަކުރާރު ވިޔަނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށް މިނިސްޓްރީ އޮފް ހެލްތުގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކަށް އެ ކޮމިޝަނުން ގޮވާލާފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ 4 މުވައްޒަފުން މިހާރު ސަސްޕެންޑް ކޮށްފައި ވާއިރު އެ މައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ހެލްތް މިނިސްޓްރީއިންވެސް ބުނެފައި ވެއެވެ.
އެ މައްސަލައާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒު ދޮށުގައި ގިނަބަޔަކު ރޭ އިހްތިޖާޖު ކޮށްފައި ވާއިރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އިހްތިޖާޖު ކުރަމުން ދިޔަ ބައެއް މީހުން ސިއްހީ މަރުކަޒުގެ ތެރެއަށްވެސް ވަނީ ވަދެފައެވެ. އަދި އެމީހުން ދުރުކުރަން ފުލުހުން ހަރަކާތްތެެރިވާތަން ވެސް ވީޑިއޯ އިން ފެނެއެވެ.