ދުނިޔޭގެ އާބާދީގެ 40 ޕަސެންޓް އަދި ދުނިޔޭގެ އިގުތިސޯދުގެ 4 ބައި ކުޅަ 1 ބައި މިހާރު ހިއްސާ ކުރާ 'ބްރިކްސް' އިން ގާޒާ ހަނގުރާމަ ހުއްޓާލަން ގޮވާލައިފިއެވެ.
އާންމުކޮށް އިގްތިސޯދީ ކަންކަމަށް ފޯކަސް ކުރާ ބްރިކްސް އިން ގާޒާ ހަނގުރާމަ ހުއްޓާލަން ގޮވާލީ، ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައެވެ.
ޗައިނާ، ރަޝިއާ، އިންޑިއާ އަދި ދެކުނު އެފްރިކާގެ އިތުރުން ބްރެޒީލް ގުޅިގެން އުފައްދާފައި ބްރިކްސްގައި ސައުދީ އަރަބިއްޔާ، އިންޑޮނީޝިއާ، އީރާން، އާޖެންޓީނާ، މިސްރު ވެސް ހިމަނަން މިހާރު ރުހުން ލިބިފައި ވާ އިރު، މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައި ވާ ޖީ20 ފަދަ ކުރިއަރަމުން އަންނަ އަދި ދުނިޔޭގެ އިގްތިސޯދުގައި ސަރަހައްދުގެ ގޮތުން އެންމެ ބައިބޯ ޖަމާއަތެވެ.
ގާޒާ ހަނގުރާމަ ހުއްޓާލުމަށް އެޖަމާއަތުން ގޮވާލައި ބުނީ، ދެފަރާތުން [އިޒްރޭލާއި ހަމާސް] އިން ވެސް އެކަން ހުއްޓާލަން ޖެހޭ ކަމަށާއި ބޮޑުވަމުން ދާ އިންސާނީ ކާރިސާގެ މައްސަލަ އިތުރަށް ބޮޑުވިޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އިޒްރޭލުގެ ހަމަލާތަކުގައި މިހާރުވެސް 14،000 މީހުން ޝަހީދު ވެފައި ވާ އިރު 30،000 އަށް ވުރެ ގިނަ މީހުން ޒަހަމްވެ 1.7 މިލިއަން މީހުން ވަނީ ގެދޮރު ގެއްލި މަގުމަތިވެފައެވެ. ކާނެ އެއްޗެއް، ބޯނެ އެއްޗެއް، ބޭހެއް، ތެލެއް ނެތި އެތައް މިލިއަން ބަޔަކު ހައިހޫނު ކަމުގައި ރެފިއުޖީންގެ ގޮތުގައި އުޅެން ޖެހިފައި ވާ އިރު، ކައިރިން އޮންނަ ސީރިއާ، ލުބުނާން، ޔަމަން، މިސްރު ފަދަ ގައުމުތަކަކީ ވެސް ދާހިލި ހަނގުރާމަ އާއި ސަރަހައްދީ ހަނގުރާމަ އާ ހެދި އިންސާނީ ކާރިސާތަކެއްގެ ތެރޭގައެވެ.
ބްރިކްސް އިން ގުޅިފައިވާ ބަޔާނެއް ނެރެފައި ނުވިނަމަވެސް ބައްދަލުވުމުގައި ބައިވެރިން ވަނީ، ފަލަސްތީނުގެ ރައްޔިތުން ވަޒަނުން ނެރެ ބޭރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ޖެނީވާ ކޮންވެންޝަނާއި އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފު އެތައް ޖަރީމާއެއް ހިނގަމުން ދިޔުމަކީ އެ ޖަމާއަތުން ކަންބޮޑުވާ ކަމެއް ކަމަށެވެ.