ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ސައިޓް މޮބިލައިޒް ކުރެވިފައިވާކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ ޖޫން 1، 2023ގައެވެ.

މި މަޝްރޫޢުގެ ދަށުން، 26,453 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާ، 40,111 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބާ ބޭސިން ފުންކުރުމާ، 5,445 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 86 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 317 މީޓަރުގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާ، މޫރިންގް ބޯއީސް ހަރުކުރުމާ، 105 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާ، 20 މީޓަރު ދިގު 6 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ބަނދަރު ބައްތި ހަރުކުރުމާ، 1,795 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 62.78 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީ އިން ބުނީ ކ. ހުރާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު މުދާ ބޭލުމުގަ އާއި ރަށަށް އަރާ ފޭބުމުގައި ރައްޔިތުންނާ ވިޔަފާރި ވެރިންނަށް ކުރިމަތިވަމުން އަންނަ އުނދަގޫތަކަށް ނިމުމެއް އަންނާނޭކަމަށެވެ.