ގދ. ގައްދޫ ސިއްހީ މަރުކަޒުގައި މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލައިގައި ހިމެނޭ 4 މުވައްޒަފުން ސަސްޕެންޑް ކޮށްފައިވާ ކަމަށް ހެލްތް މިނިސްޓްރީއިން ބުނެފިއެވެ.
ހެލްތް މިނިސްޓްރީ އިން ބުނީ ގައްދޫ ހެލްތް ސެންޓަރުގައި މުއްދަތު ހަމަވެފައިވާ އައިވީ ދިން މައްސަލަ ބަލަމުންދާ ކަމަށާއި އެ މައްސަލައިގައި ހިމެނޭ 4 ސްޓާފުން، މައްސަލަ ބަލައި ނިމެންދެން ވަޒީފާއަށް ނުނިކުމެ ގޭގައި ތިބެން އަންގާފައި ވާނެ ކަމަށެވެ. އަދި މި މައްސަލަ ބެލުމަށްފަހު މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މި މައްސަލައާ ގުޅިގެން "ދަ ޕްރެސް"އަށް މައުލޫމާތު ދެމުން ގައްދޫ ކައުންސިލް މެންބަރު އަލީ އަބްދުﷲ ވިދާޅުވެފައި ވަނީ މުއްދަތު ހަމަވެފައިވާ އައިވީ އެ ރަށު މަރުކަޒުން ދީފައި ވަނީ 2 ކުޑަކުދިންނަށް ކަމަށެވެ.
މިދިޔަ ޖުލައި މަހަށް އެ އައިވީތަކަށް ވަނީ މުއްދަތު ހަމަވެފައެވެ. އެ އައިވީތަކަށް މުއްދަތު ހަމަވެފައި ވާކަން އެނގުނީ އައިވީގެ މެދާ ހިސާބަށް ދިޔަ ފަހުން ކަމަށް ވެސް އަލީ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލައާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒު ދޮށަށް ގޮސް އެ ރަށުގެ ގިނަ ބަޔަކު ވަނީ އިހްތިޖާޖު ކޮށްފައެވެ. އާންމުވެފައި ވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އިހްތިޖާޖު ކުރަމުން ދިޔަ ބައެއް މީހުން ސިއްހީ މަރުކަޒުގެ ތެރެއަށްވެސް ވަނީ ވަދެފައެވެ. އަދި އެމީހުން ދުރުކުރަން ފުލުހުން ހަރަކާތްތެެރިވާތަން ވެސް ވީޑިއޯ އިން ފެނެއެވެ.