އަންނަ ދައުރުން ފެށިގެން ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ދޭން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް "އުފާވެރި އަމާންރާއްޖެ" ގެ ނަމުގައި ހިންގަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މިރޭ ބ، ދަރަވަންދޫގައި ބާއްވަމުން ގެންދާ ޖަލްސާގައި ވަނީ އެމްޑީޕީގެ މެނިފެސްޓޯގެ 4 ވަނަ ބައި އިފްތިތާތަހް ކޮށްފައެވެ.

މިރޭ އިފްތިތާހުކުރި "ހެޔޮވެރިކަން"ގެ ބައި މައިގަނޑު ފަސް ބަޔަކަށް ބަހާލާފައިވާ އިރު، އޭގައި ހިމެނެނީ ލާމަރުކަޒީ ނިޒާމު ވަށާޖެހުން، އިންސާފު ގާއިމުކުރުމުގެ ނިޒާމު ފުރިހަމަކުރުން، ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން، މިނިވަން ހާރިޖީ ސިޔާސަތު ދެމެހެއްޓުން އަދި ލާމެހިފައިވާ ދިފާއު އެވެ.

އެއިން ބައެއް ބައިތަކުގެ ދަށުން އިތުރު ކަންކަން ވަނީ ހިމަނާފައެވެ. އެގޮތުން:

ލާމަރުކަޒީ ނިޒާމު ވަށާޖެހުން:

  • ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުން
  • ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަކުރުން
  • ފުރިހަމަ މާނައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިންގުން

ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުން:

  • ކޮރަޕްޝަނުން ސަލާމަތްވެފައިވާ ހާމަކަންބޮޑު ދައުލަތް
  • ދައުލަތުގެ ހިންގުން ވަރުގަދަކުރުން
  • މީޑިއާގެ މިނިވަންކަން ކަށަވަރުކުރުން

ލާމެހިފައިވާ ދިފާއު:

  • ސަލާމަތްތެރި ރައްކާތެރި ވިލުންވެރި ރާއްޖެ
  • ދިވެހި ކަނޑުތަކުގެ ދިފާއުއާއި ސަލާމަތާއި ރައްކާތެރިކަން
  • ލާމެހިފައިވާ ރައްކާތެރި ބޯޑާ ނިޒާމު
  • ލާމެހިފައިވާ މަދަނީ ދިފާއުގެ ނިޒާމު

ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާކުރުމުގެ ދަށުން ހިމެނޭ މީޑިއާގެ މިނިވަންކަން ކަށަވަރުކުރުމުގެ ބައިގެ ދަށުން މެނިފެސްޓޯގައި ބުނެފައިވަނީ މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރެޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާތަކާ ގުޅިގެން މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށާއި މީޑިއާތަކުގެ މާލީ ގާބިލުކަމަށް، ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓް ކުރާނެ ކަމަށެވެ.

އެ ފައިސާ ދޫކުރެވޭނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރު ކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެ ކަމަށާއި މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ވެރިފައި ކުރެވިފައިވާ ހަބަރުތަކާއި މައުލޫމާތު ތަކެއްކަން ކަށަވަރު ކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމް ކުރާނެ ކަމަށްވެސް އެ މެނިފެސްޓޯގައި ވަނީ ފާހަގަ ކޮށްފައެވެ.

އެ މެނިފެސްޓޯގައި ވަނީ ދިވެހި ސްޓްރީމިން ސާވިސްތަކާއި ޕޮޑްކާސްޓިން އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތްތައް ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށާއި ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ. އަދި ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން އެސްޑީއެފްސީ މެދުވެރިކޮށް ފޯރުކޮށްދޭނެ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

މެނިފެސްޓޯގައި އިތުރަށް ވަނީ ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކައް އެކްސެސިބަލް ކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހަދާނެ ކަމަށާއި އާ ޖާނަލިސްޓުން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ހިމަނާފައެވެ.